މަސް ދޯނިން ކަނޑަށް ވެއްޓުނު މީހާ އަދި ވެސް ނުފެނޭ
މަސް ދޯނިން ކަނޑަށް ވެއްޓުނު މީހާ އަދި ވެސް ނުފެނޭ

ފާނައިގެ މަސްވެރިކަން ކުރަން އުޅެނިކޮށް "ޓާގެޓް" ދޯނިން އިއްޔެ ކަނޑަށް ވެއްޓުނު މީހާ އަދި ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އދ. ވިލަމެންދޫ އައިލެންޑް ރިސޯޓު ކައިރިއަށް ގެއްލިގެން ހޯދަމުން އަންނަނީ، ފ. ބިލަތްދޫ، އުތުރުގޭ އަބްދުﷲ ނަސީރު، 58، އެވެ. އޭނާ ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓްލޫނެކެވެ.

ނަސީރު ވެއްޓުނު ސަބަބެއް އަދި ނޭނގެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނަސީރު ހޯދުމުގެ މަސައްކަތް ޑައިވަރުން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގައި ވިލަމެންދޫ ރިސޯޓާއި ލިލީ ބީޗް ރިސޯޓުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑް ޑައިވަރުން ދަނީ މަސައްކަތް ކުރަމުން. އޭރިޔާ އަށް ޑައިވް ކޮށްގެންނާއި ކަނޑުގެ ސާފޭސްބެލުމުގައި ދަނީ ހަރަކާތްތެރިވަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފްގެ 191 ނަމްބަރަށް ގުޅައި މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން އެދެ އެވެ.