01 އޯގަސްޓް 2016 - 10:10

ލަންޑަން (އޮގަސްޓް 1) - ފްރާންސްގެ ޕައުލް ޕޮގްބާ އަށް 100 މިލިއަން ޕައުންޑް ހައްގުނުވާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 100 މިލިއަން ޕައުންޑުގެ އަގަކަށް ޕޮގްބާ ޔުނައިޓެޑަށް ބަދަލުވާނެ އެވެ. ވެންގާ ބުނީ އެވަރުގެ ހޭދައެއް އެއް ކުޅުންތެރިއަކަށް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ސުވާލަކީ ޓީމަކަށް އެންމެ ކުޅުންތެރިއެއް ހޯދުމަށް 100 މިލިއަން ޕައުންޑުގެ އަގެއް ދައްކައިގެން އޭގެ ބަދަލު އެ ކުޅުންތެރިއާ އަށް ދެއްކޭނެ ފެންވަރު ހުރިތޯ. ޕޮގްބާ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު 100 މިލިއަން ޕައުންޑު އެއީ އޭނަގެ އަގެއް ނޫން. އެއީ ކުރެވޭ މޮޔަ ކަމެއް. އަހަރެން ގަބޫލެއް ނުކުރަން ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު 100 މިލިއަން ޕައުންޑުގެ އަގެއްގެ ބަދަލު ޓީމަކަށް ދެވޭނެ ކުޅުންތެރިއަކު ހުރިކަމަކަށް،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ އޭނާގެ ތަޖުރިބާ އަށް ބަލާއިރު މިހާރު ކުޅުންތެރިންގެ އަގު ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށެވެ.
"އެބަޖެހޭ ކޮންމެވެސް ކަހަލަ ސިސްޓަމެއް ގާއިމްކުރަން. އެންމެ ކުޅުންތެރިއަކަށް 100 މިލިއަން ޕައުންޑް ހޭދަކުރާނަމަ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެންމެ ކުޅުންތެރިއެއްގެ އަގު 200 ނޫނީ 300 މިލިއަން ޕައުންޑަށް އަރާނެ،" ވެންގާ ބުންޏެވެ.
އާސެނަލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ތިން ކުޅުންތެރިއަކު އެ ޓީމަށް ގެނެސްފަ އެވެ. އެއީ ސްވިޒަލެންޑުގެ މިޑްފީލްޑަރު ގްރޭނިޓް ޝަކާ އާއި ޖަޕާންގެ ޓަކޫމާ އަސާނޯ އަދި ޒުވާން ރޮބް ހޯލްޑިން އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލް ވަނީ ރޭ ކުޅުނު މެޗުން މެކްސިކޯގެ ޗިވާސް އަތުން 3-1 އިން މޮޅުވެފަ އެވެ.