14 ޖުލައި 2018 - 10:07

މޮސްކޯ (ޖުލައި 14) - މި ފަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑުން ނެރުނު ރަނގަޅު ނަތީޖާތަކަށް ފަހު ދެން ކުރިއަށް ދިއުމުގައި ހިތްވަރު ހޯދާނީ މީގެ ކުރިން ޖަރުމަނުން ފުޓްބޯޅައިގެ އެންމެ އުހަށް ދިޔަ ގޮތަށް ބަލައިގެން ކަމަށް އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
ޖަރުމަނުން 2000 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނެވެ. އެކަމަކު އަނެއްކާ ވެސް 2004 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓުމުން ސަޕޯޓަރުން މާޔޫސްވި އެވެ. އެއާ އެކު 2006 ވަނަ އަހަރު އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕުގައި އެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލެއްނުކުރެ އެވެ. އެހެން ނަމަވެސް އެ ފަހަރު ސެމީ ފައިނަލުގައި ކުޅެ ފާއިތުވި 12 ވަރަކަށް އަހަރު ޖަރުމަނު އޮތީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގަ އެވެ. މި ފަހަރު ގްރޫޕް ސްޓޭޖުން ކެޓި ނަަމަވެސް މީގެ ހަތަރު އަހަރު ކުރިން ވޯލްޑް ކަޕް ތަށި އުފުލާލި އެވެ.
ޖަރުމަނުން ހުރިހާ ކަމެއް އަލުން ފެށީ 2006 ވަނަ އަހަރުގެ ތިން ވަނަ ހޮވާ މެޗުގައި ޕޯޗުގަލް ބަލިކުރުމަށް ފަހު އެވެ. ސައުތުގޭޓްގެ އަމާޒުހުރީ މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި މިރޭ ބެލްޖިއަމް ބަލިކޮށް އެ މަގުން ކުރިއަށް ދިއުމުގެ އަޒުމުގަ އެވެ.
"އަހަރެން ހަނދާން ހުރޭ 2006 ވަނަ އަހަރު ޖަރުމަނު އޮތްގޮތް. އެ މީހުން ވެސް އޮތީ އަހަރެމެން މި އޮތްގޮތަށް އުއްމީދީ ޓީމެއް. އެ ހިސާބުން ސަޕޯޓަރުންނާ ގުޅިގެން ޖަރުމަނު ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަށް ޖެހުނު. އެ ހިސާބުން ފެށިގެން ވޯލްޑް ކަޕް ތަށްޓާ ހަމައަށް އެ މީހުން ނެގީ އަށް އަހަރު. އަހަރެމެން އަށް އަހަރު ނަގާނެ ވާހަކައެއް ނޫން. ބޭނުންވަނީ އެ ފަދަ ގޮތަކަށް ކުރިއަށް ގޮސް ތަށްޓާ ހަމައަށް ދާން،" ސައުތުގޭޓް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ 28 އަހަރަށް ފަހު އިންގްލެންޑް ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ސެމީ ފައިނަލެވެ. އެ ފަހަރު 1990 ވަނަ އަހަރުގެ ސެމީ ފައިނަލުން ހުޅަނގު ޖަރުމަން އަތުން ބަލިވިއިރު، ތިން ވަނަ ހޮވާ މެޗުން ވަނީ އިޓަލީ އަތުން ވެސް ބަލިވެފަ އެވެ.
ފަންސާސް ދެ އަހަރަށް ފަހު ވޯލްޑް ކަޕް ފައިނަލުގައި ކުޅުމުގެ ފުރުސަތު ބީވެގެންދިއުމުން ސެމީ ފައިނަލް މެޗަށް ފަހު އިންގްލެންޑް ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ސައުތުގޭޓް ބުނީ މިރޭ ކުޅޭ ތިން ވަނަ ހޮވާ މެޗަށް ނުކުންނައިރު، ކުޅުންތެރިން ބޭނުންވަނީ އެންމެ ރަނގަޅު ގޮތުގައި މުބާރާތް ނިންމާލުމަށް ކަމަށެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް އަތުން އިންގްލެންޑް ވަނީ 1-0 އިން ބަލިވެފަ އެވެ. އެ މެޗުގައި ދެ ޓީމުން ވެސް ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ސައުތުގޭޓް ބުނީ މި މެޗު މުޅިން ތަފާތުވާނެ ކަމަށެވެ.
އިންގްލެންޑާއި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.