15 ޖުލައި 2018 - 07:26

ސެޕްޓެމްބަރު މަހު ރިލީޒްކުރާ، ކާޖޮލްގެ އާ ފިލްމްގެ ނަމަކީ "އީލާ" ކަމަށް މީޑިއާތަކުން މީގެ ކުރިން ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް، އަސްލު ނަމަކީ "ހެލިކޮޕްޓާ އީލާ" ކަމަށް އިއުލާނުކޮށްފި އެވެ.
"މަރްދާނީ" އާއި "ޕަރިނީތާ" ފަދަ މޮޅެތި ފިލްމްތައް ގެނެސް ދިން ޕްރަދީޕް ސަރުކާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކާޖޮލްގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމު ރިލީޒްުކުރާނީ ސެޕްޓެމްބަރު 14 ގަ އެވެ.
"ހެލިކޮޕްޓާ އީލާ" އަކީ އެކަނިވެރި މަޔަކާއި އޭނާގެ ޒުވާން ފިރިހެން ދަރިފުޅުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމްގައި ކާޖޮލްގެ ދަރިފުޅުގެ ރޯލް ކުޅެފައި ވަނީ ރިދީ ސެން އެވެ.
އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ރިދީ، 20، އަކީ އޭނާ މިދިޔަ އަހަރު ކުޅުނު ބެންގާލީ ފިލްމް "ނަގަރްކިރްތާން" އިން މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދި ބަތަލެވެ.
"ހެލިކޮޕްޓާ އީލާ" ގެ ކާސްޓުންގެ ތެރޭގައި ޓޯޓާ ރޯއި ޗޯދަރީ ވެސް ހިމެނެ އެވެ.
މި ފިލްމަކީ 2015 ގައި ރިލީޒް ކުރި ރޯހިތު ޝެޓީގެ "ދިލްވާލޭ" އަށް ފަހު، ކާޖޮލް ކުޅުނު ފުރަތަމަ ހިންދީ ފިލްމެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ތަމަޅަ ފިލްމް "ވީއައިޕީ 2" އިންނެވެ.
ތިން އަހަރެއްހާ ދުވަސް ފަހުން ކާޖޮލް އެނބުރި ހިންދީ އޯޑިއަންސާ ބައްދަލު ކުރަން ތައްޔާރުވަމުން އަންނަ އިރު، "ހެލިކޮޕްޓާ އީލާ" އަކީ އަހަރުގެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.
އާނަންދް ގާންދީ ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޓްރެއިލާ ވެސް މާ ލަސްތަކެއް ނުވެ، ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.