ވަގަށް ނެގި ގަހަނާތައް ހަވާލުކޮށް މާފަށް އެދެފި
ވަގަށް ނެގި ގަހަނާތައް ހަވާލުކޮށް މާފަށް އެދެފި

ވަގަށް ނެގި ގަހަނާތައް ރައްދުކޮށް އިންޑިއާގެ ވަގަކު މާފަށް އެދެފި އެވެ.

ވަގަށް ނެގި ގަހަނާތައް ހަވާލުކޮށް މާފަށް އެދެފި
ވަގަށް ނެގި ގަހަނާތައް ހަވާލުކޮށް މާފަށް އެދެފި

މި ހާދިސާ ރިޕޯޓް ކުރި މީޑިއާތަކުން ބުނި ގޮތުގައި ކެރެލާގެ އަމްބާލަޕޫޒާ އަވަށުގެ ގެއަކުން ވައްކަން ކުރީ، އެ ގޭގެ މީހުން ކައިވެނީގެ ހަފުލާއަކަށް ގޮސް އުޅެނިކޮށް ގެޔަށް ވަދެގެން ކަމަށެވެ. ގެއިން ވައްކަން ކުރިކަން އެނގުނީ މިދިޔަ އަންގާރަ ދުވަހު އެ މީހުން އެނބުރި އައުމުންނެވެ.

ވަގުކަލޭގެ ވަނީ، ގޭގެ އަލަމާރީގައި ރައްކާކޮށްފައި އޮތް ރަން އަނގޮޓިކާއި ކަންފަތުލާ އެއްޗަކާއި ލޮކެޓެއް ވަގަށް ގެންގޮސްފަ އެވެ. މިކަން އެނގުމާ އެކު ވަގުތުން ފުލުހުންނަށް ރިޕޯޓް ކުރި އެވެ.

އެ އާއިލާގެ މީހުންނާ ހަވާލާދީ އަލަޕުއްޒާ ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓަރު ބިޖޫ ވީ ނައިރް ޓައިމްސް އޮފް އިންޑިއާ އަށް ބުނި ގޮތުގައި މަދޫކުމާރްގެ ގެއިން ވައްކަން ކުރީގެ ގޭގެ ފުރަގަހުގައި ހުރި ދޮރެއް ހަލާކުކޮށްލައިގެން ވަދެ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ހެނދުނު ހޭލައިގެން ގޭގެ ދޮރު ހުޅުވި އިރު، ދޮރު ކައިރީ ބިންމަތީގައި ހުރީ ވަގަށް ގެންދިޔަ ގަހަނާކޮޅެވެ. އޭގެ ކައިރީގައި ލިޔުންކޮޅެއް ވެސް އޮތެވެ.

އެ ލިޔުންކޮޅުގައި ބުނެފައި ވަނީ "ތި ގެއިން ވައްކަން ކުރެވުނީތީ މައާފަށް އެދޭ" ކަމަށާއި "ވައްކަން ކުރެވުނީ މާލީ ހާލަތު ހުރި ގޮތުން" ކަމަށެވެ.

"އަހަންނަށް ފަހުން ވިސްނުނީ ކުރެވުނީ ވަރަށް ގޯސް ކަމެއްކަން. އެހެންވެ މައާފަށް އެދެން. އަދި މިކަން ފުލުހުންނަށް ރިޕޯޓް ނުކުރަން ވެސް އެދެން. ދެން ދުވަހަކު ވެސް މިކަހަލަ ކަމެއް ތަކުރާރު ވެސް ނުކުރާނަން،" ވަގުކަލޭގެ ނޯޓްގައި ލިޔެފައިވެ އެވެ.

ގެއްލުނު ގަހަނާކޮޅު އަނބުރާ ލިބުމުން މަދޫކުމާރްގެ އާއިލާ އިން މިހާރު ވަނީ މައްސަލަ އަނބުރާ ނަގައިފަ އެވެ.