01 އޯގަސްޓް 2016 - 08:35

ޗުއްޓީ ހޭދަކުރުމަށް ބޮލީވުޑް ބަތަލާ ޖެކްލީން ފެނާންޑިސް މިހާރު ހުރީ އޭނާގެ މަންމައާ އެކުގަ ދިވެހިރާއްޖޭގަ އެވެ. އޭނާ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ. ފޮޓޯތަކުން ބެލެވޭ ގޮތުގައި އޭނާ ހުރީ ވަން އެންޑް އޮންލީ ރީތި ރަށުގަ އެވެ. ރާއްޖޭގައި ހުރިކަން ޔަގީންކޮށްދެމުން އޭނާ ކޮށްފައިވާ ޓްވީޓެއްގައި ރާއްޖެއިން ހެޔޮ އެދުންތައް ފޮނުވާ ކަމަށް ވަނީ ބުނެފަ އެވެ.

ޖެކްލީން އެހެން ޓްވީޓެއްގައި ބުނެފައި ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެއް ފުރިހަމަވެއްޖެ ކަމަށެވެ. އެއީ ފެހުރިއްސަކާ އެކު ފަތާލުން ކަމަށް ބުނަމުން އެ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ޓްވީޓްކޮށްފަ އެވެ.
"ބަކެޓް ލިސްޓުގައި ހިމެނޭ އެއް ކަންތައް. ވޭލް ޝާކަކާ ބައްދަލުވެ އެއާ އެކު ފަތާލުން. ކޮންފަދަ ބޮޑު ޝަރަފެއް،" ޖެކްލީންގެ ޓުވީޓްގައިވެ އެވެ.
ޖެކްލީން ރާއްޖެ އައިސްފައި މިވަނީ އޭނާ އެންމެ ފަހުން ކުޅުނު "ޑިޝޫމް"ގެ ޕްރޮމޯޝަން މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުމަށް ފަހުގަ އެވެ. ހުކުރު ދުވަހު އެ ފިލްމު ރިލީޒްކޮށް މިހާރު ބޮކްސް އޮފީހުގައި ފުދޭ ވަރެއްގެ ކާމިޔާބެއް ވެސް ދަނީ ހޯދަމުންނެވެ.
ކަލާޒް ޗެނަލް އިން ދައްކާ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ"ގެ މިފަހަރުގެ ސީޒަންގެ އެއް ފަނޑިޔާރަކީ ވެސް ނެށުމަށް ވަރަށް މޮޅު ޖެކްލީން އެވެ. މި ޝޯގެ ފުރަތަމަ އެޕިސޯޑް މިހާރު ދައްކާފައިވާ ގިނަ ބަޔަކު ޖެކްލީންގެ ސަކަ މިޒާޖަށް ތައުރީފުކޮށްފައިވެ އެވެ.
ޖެކްލީން ކުޅޭ ފިލްމުތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޓައިގާ ޝްރޮފް އާއެކު ކުޅޭ "ފްލައިންޖެޓް" އެވެ.
ޖެކްލީން އަކީ ސްރީ ލަންކާގެ ރީތީގެ ރާނީ އެކެވެ. އަދި ބޮލީވުޑްގައި ކާމިޔާބު ހޯދުނު އެހެން ގައުމުތަކުގެ މަދު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކުޅަދާނަ އެކްޓަރެކެވެ.