ރާއްޖޭގެ އެންމެ ބޮޑު ރިސާޗް ކޮންފަރެންސް މާދަމާ ފަށަނީ
ރާއްޖޭގެ އެންމެ ބޮޑު ރިސާޗް ކޮންފަރެންސް މާދަމާ ފަށަނީ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިސްލާމީ ހޭލުންތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މަހާސިންތާގެ މި އަހަރުގެ ބައްދަލުވުން ފަންސާހަށް ވުރެ ގިނަ ދިރާސާ ކަރުދާހާ އެކު މާދަމާ ފަށާނެ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި މަހާސިންތާ ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސާޗް ކޮންފަރެންސަށެވެ. އެގޮތުން މި އަހަރުގެ މަހާސިންތާ ވެގެންދާނީ ރާއްޖޭގައި ބާއްވާ އިލްމީ މަހާސިންތާތަކުގެ ތެރެއިން އެންމެ ގިނަ އިލްމީ ދިރާސާ ކަރުދާސް ހުށަހަޅާނެ މަހާސިންތާއެވެ. ޖުމްލަ 43 ދިރާސާ ކަރުދާސް ހުށަހަޅާއިރު އޭގެ ތެރޭގައި ބޭރުގެ އެކި ގައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 37 ކަރުދަހަކާއި ރާއްޖޭގެ 6 ބޭފުޅަކު ހުށަހަޅުއްވާ ކަރުދާހެއް ހިމެނެ އެވެ.

މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެތެރޭގައި އިސްލާމީ ވިސްނުމާއި ސަގާފަތާއި ހަޟާރަތުގެ ދައުރާއި ކުރިއަރަމުންދާ އިގްތިސާދީ އަދި މާލީ ނިޒާމާއި ބަދަލުވަމުންދާ ސިޔާސީ ނިޒާމް ހިމެނެ އެވެ. މީގެ އިތުރުން ތައުލީމީ ދާއިރާ ބައްޓަންކުރުމާއި އިޖްތިމާއީ އިގްތިސާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަދި ދީންތަކުގެ މެދުގައި ހަމަޖެހުމާއި ސުލްހަވެރިކަން ހިފެހެއްޓުންފަދަ ދާއިރާތައް ވެސް ހިމެނެ އެވެ.

ޔުނިވާސިޓީގެ ސެންޓަ ފޮ ރިސާޗް އެންޑް ބަޕްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވީ ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ އިލްމީ ބޭފުޅުން މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިފަހަރު މިއޮތީ ވަރަށް ފުޅާ ޓޮޕިކެއް. ދެކުނު އޭޝިއާ ސަރަހަސައްދުގައި ސުލްހަ އާއި އިސްލާމީ ވިސްނުންތައް އިތުރުކުރުމަށްޓަކައިކުރެވިދާނެކަންތައްތައް ދެނެގަތުން. މި މައުލޫގައިވާ ހުރިހާ ދާއިރާއަކުންވެސް ކަރުދާން ހުށަހެޅޭނެ،" ދީބާ ވިދާޅުވިއެވެ.

މި މަހާސިންތާ ކުރިއަށް ގެންދިއުމަށް އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުފް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ) އިން އެހީތެރިކަން ފޯރުކޮށްދެ އެވެ. އަދި ޕާކިސްތާނުގެ ރިފާ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއިއިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމް އާބާދު ވެސް މަހާސިންތާގައި ބައިވެރިވެ އެވެ.