14 ޖުލައި 2018 - 08:19

ހަރަކާތްތެރިނުވާ، ފޭކް ކަމަށް ބެލެވޭ އެތައް ހާސް އެކައުންޓެއް ބުރާސްފަތި ދުވަހު ޓްވިޓާއިން ޑިލީޓްކޮށްލުމާ އެކު އެތައް ބައެއްގެ ފޮލޯވަރުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.
ފޭކް އެކައުންޓްތައް ބޭނުންކޮށްގެން ފޮލޯވާސް ގިނަ ކަމަށް ދައްކައިގެން އުޅޭ އެތައް ބަޔަކު، ޓްވިޓާގެ މި ފިޔަވަޅާ އެކު ވަނީ ހާމަވެފަ އެވެ.
ސެލެބްރިޓީންގެ ތެރެއިން ޓްވިޓާ ފޮލޯވާސް އެންމެ ގިނަ، ލަވަކިޔުންތެރިޔާ ކެޓީ ޕެރީގެ އެކައުންޓުން 1.5 މިލިއަން ފޮލޯވާސް ވަނީ މަދުވެފަ އެވެ. މިހާރު ފޮލޯވާސްގެ އަދަދަކީ 107 މިލިއަނެވެ.
ލަވަކިޔުންތެރިން ކަމަށްވާ ޖަސްޓިން ބީބާ އާއި ޓޭލާ ސްވިފްޓަށް ވެސް ދެ މިިލިއަނެއްހާ ފޮލޯވާސް ގެއްލުނެވެ.
ޓްވިޓާގެ ފިޔަވަޅުން އެންމެ ގިނަ ފޮލޯވާސް ގެއްލުނީ ޓްވިޓާގެ ޕްރައިމަރީ އެކައުންޓުންނެވެ. ކުރިން 62.83 މިލިއަން ފޮލޯވާސް އިން ނަމަވެސް، ފޭކް އެކައުންޓްތައް ޑިލީޓްކޮށްލުމާ އެކު 55.1 މިލިއަނަށް ވަނީ ދަށްވެފަ އެވެ.
"މިއީ ފޮލޯވާސް އަށް ފޯކަސްކޮށްގެން ޓްވިޓާއިން ގެނައި ބަދަލެއް. އެއީ ޓްވިޓާގެ ސައްހަކަން ބެލުމުގައި އެންމެ ބޮޑަށް ފެންނަ އެއް ފީޗާ އަކީ،" ޓްވިޓާގެ ގާނޫނީ އަދި ރައްކާތެރިކަމާ ބެހޭ ޑިޕާޓްމަންޓުގެ ވެރިޔާ ވިޖަޔާ ގާޑޭ ވިދާޅުވެފައިވެ އެވެ.
ޓްވިޓާގެ މި ބަދަލުން ސިޔާސީ ބޭފުޅުން ވެސް ސަލާމަތެއް ނުވެ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ފޮލޯވާސް ވެސް ވަނީ 103.63 މިލިއަނުން 101 މިލިއަނަށް ދަށްވެފަ އެވެ. އެެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 340،000 ފޮލޯވާސް ގެއްލުނެވެ.
ފޭކް އެކައުންޓްތައް ޑިލީޓްކުރުމަކީ ޓްވިޓާ އަށް އޮތް އިތުބާރު ބޮޑުކޮށް، ވިޔަފާރި ރަނގަޅުކުރުމުގެ ގޮތުން ޓްވިޓާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.