13 ޖުލައި 2018 - 20:05

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ސެކިއުރިޓީ ދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އިބޫ އާއި އިދިކޮޅު ފަރާތްތަކުން އައްޑޫއަށް މިއަދު ވަޑައިގެން ކެމްޕެއިން ކުރައްވަމުން އަންނައިރު އިބޫގެ އަރިހުގައި އަދި ތިބީ އަމިއްލަ ސެކިއުރިޓީންނެވެ.
އިބޫގެ ސެކިއުރިޓީ ކަންކަމުގައި ހަރަކާތްތެރިވާ، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ "މިހާރު" އަށް ވިދާޅުވީ އިބޫއަށް އެއްވެސް ނުރައްކަލެއް އޮތްނަމަ އެކަން ބަލައި ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށެވެ.
"އިބޫ އައްޑޫ އަށް ވަޑައިގަންނަވާ ވާހަކަ އޮންނާނީ ފުލުހުންނަށް ސިޓީއަކުން އަންގަވާފައި... އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ސެކިއުރިޓީ ދިނުމާ ގުޅޭ ގޮތުން ދެ ފަރާތުންވެސް ވަނީ ކޯޑިނޭޓް ވެފައި. ސެކިއުރިޓީ ކަންކަން ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައި،" ސިފައިންގޭގައި އުޅުއްވި، ތިނެއް ނޮވެމްބަރުގެ ބަތަލެއް ކަމަށްވާ ދީދީ ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު، ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، އޭނާ އަށް ހަމަލަ ދޭން ހުޅުމާލޭގައި ގްރޫޕަކުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި އެވެ. އޭގެ ފަހުން، އެމްޑީޕީގެ އިސް ބޭފުޅުންގެ ގަޔަށް ކަޅު ތެޔޮ ވެސް ޖެހި އެވެ.
އެއާއެކު ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް އަންގަވާފަ އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ އެ ހުރިހާ ފަރާތަކަށްވެސް ދޭން ޖެހޭ ރައްކާތެރިކަން ފުލުހުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެޓާނީ ޖެނެރަލް އަނިލް ވަނީ ހައުސިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭން އަންގާފަ އެވެ.