ގަތަރު ވޯލްޑް ކަޕް އޮންނާނީ ނޮވެމްބަރާއި ޑިސެމްބަރުގައި
ގަތަރު ވޯލްޑް ކަޕް އޮންނާނީ ނޮވެމްބަރާއި ޑިސެމްބަރުގައި

މޮސްކޯ (ޖުލައި 13) - ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނޮބެމްބަރު 21 އިން ޑިސެމްބަރު މަހުގެ 18 އަށް ބާއްވާ ގޮތަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ހަމަޖައްސައިފި އެވެ.

މިއީ ޖޫން/ ޖުލައި ނޫން ހިސާބެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މި ބަދަލ ގެންނަން ނިންމީ އެ ދުވަސްވަރު ގަތަރުގެ ހޫނުމިން މަތިވާނެތީ އެވެ. ޖޫން މަހާއި ޖުލައި މަހު ގަތަރުގެ ފިނިހޫނުމިން އުޅޭނީ 50 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އަހަރު ފަހު ކޮޅަށް ބަދަލުކޮށްފިނަމަ އުޅޭނީ 15-30 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދާނީ މިހާރު ކުރިއަށްދާ 32 ޓީމު ކުޅޭ ފޯމެޓަށްކަމަށް ކުރިން އެއްބަސްވެފައިވީ ނަމަވެސް އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ފީފާ އިން ބުނެ އެވެ. އަދި އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބުންޏެވެ.

މީގެ ކުރިން ރޭވިފައި އޮތީ އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕުގައި 48 އަށް ޓީމު ކުޅޭ ގޮތަށެވެ. އެހެން ނަމަަވެސް ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ގަތަރު ވޯލްޑް ކަޕު ކުރިއަށް ގެންދާނެ ގޮތަކާ މެދު ފީފާއިން މަޝްވަރާކުރާނެ އެވެ.

ރަޝިއާގައި މިހާރު ކުރިއަށްދާ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ކުރިން ފީފާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި ފަހަރުގެ މުބާރާތަކީ އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށް ވިދާޅުވެފަ އެވެ.

"މީގެ އަހަރުތަކެއް ކުރިން އަހަރެން ބުނިން މި ވޯލްޑް ކަޕް ވަރަށް ފުރިހަމަވާނެ ކަމަށް. މިހާރު އަހަރެން މިތަނުގައި ހުރެ މިކަން ތަޖުރިބާ ކޮށްފިން ސަޕޯޓަރުންނަށް ވެސް އެކަން ފެނިއްޖެ. މިއީ ހަމަ އެންމެ ފުރިހަމަ ވޯލްޑް ކަޕް،" ވޯލްޑް ކަޕް ފައިނަލުގެ ކުރިން ފީފާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފަންޓީނޯ ވިދާޅުވި އެވެ.

އޭނާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކަންތައްތައް ފުރިހަމަކޮށް އިންތިޒާމް ކޮށްފައިވާތީ ރަޝިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައީސް ލަޑިމީރް ޕުޓިން އަށް ޝުކުރު އަދާކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނު 62 މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ދެން ކުޅުނު ހުރިހާ މެޗެއްގައި ލަނޑެއް ފެނިގެންދިޔަ އެވެ.

ފީފާއިން މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް ތައާރަފްކުރި މިއީ ވީޑިއޯ އެސިސްޓަންޓް ޓެކްނޮލޮޖީ (ވީއޭއާރް)ގެ އެހީގައި މި ފަހަރުގެ ވޯލްޑް ކަޕުގައި 19 ހާލަތެއް ރިވިއު ކުރި އެވެ. އޭގެ ތެރެއިން 16 ނިންމުމެއް ނިންމީ ވީއޭއާރް ބަަލައިގެންނެވެ. ކުރިން މުބާރާތްތަކާ އަޅާކިޔާއިރު ރަނގަޅު ނިންމުންތަކުގެ އިންސައްތަ 95 އިން 99.2 އަށް ވަނީ އަރައިފަ އެވެ.

އިންފަންޓީނޯ ވިދާޅުވީ ވީއޭއާރްގެ އެހީގައި ފުޓްބޯޅަ އަށް ލިބިގެންދިޔަ ކުރި އެރުން މި މުބާރާތުން ވަރަށް ބޮޑަށް ވަޒަންކުރެވިއްޖެ ކަމަށެވެ.

"މިހާރު ވީއޭއާރް ނުލައި ވޯލްޑް ކަޕާ މެދު ވިސްނަން ވެސް އުނދަގޫވެފައި މި އޮތީ. މި ފަހަރު ވީއޭއާރްގެ އެހީގައި ވަރަށް ކަންތައްތައް ރަނގަޅުވެއްޖެ. ވީއޭއާރުން ފުޓްބޯޅަ ބަދަލުކޮށްލަނީއެއް ނޫން. ވީއޭއާރުން ފުޓްބޯޅައިގައި ހުންނަ ނުރަނގަޅު ކަންތައްތައް ފިލުވާލަނީ. އިންސާފުވެރިކަމާ އެކު ދެ ފުށްފެންނަގޮތަށް ވޯލްޑް ކަޕް ކުރިއަށްދަނީ ވީއޭއާރާ އެކު،" އިންފަންޓީނޯ ވިދާޅުވި އެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލަށް މުޅިން އަލަށް ކްރޮއޭޝިއާ ދިޔައިރު އެ ޓީމަކީ 1950 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅޭ އެންމެ ކުޑަ އާބާދީއަކަށް ނިސްބަތްވާ ގައުމެވެ. ކްރޮއޭޝިއާގެ އާބާދީ އަކީ ހަތަރު މިލިއަނެވެ. އިންފަންޓީނޯގެ ނަޒަރުގައި މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށްދާއިރު، ގިނަ ޓީމުތަކަށް ރަނގަޅު އިބްރަތެއް ލިބޭނެ ކަމެއް ކަމަށެވެ.