01 އޯގަސްޓް 2016 - 08:40

ވޮޝިންޓަން (އޮގަސްޓް 1) - އިރާގުގައި ހަނގުރާމަ ކުރަނިކޮށް މަރުވި އެމެރިކާގެ މުސްލިމު ސިފައިންގެ މީހާގެ މަންމަ ވެސް އެންމެ ފަހުން ޑޮނަލްޑް ޓްރަމްޕަށް ބަހުގެ ހަމަލާދީފި އެވެ.

ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަނުގައި ސިފައިންގެ މީހާގެ ބައްޕަ ޚިޒް ޚާން ވެސް ވަނީ ވަރަށް އަސަރުގަދަ ތަގުގީރެއްދީ ޓްރަމްޕަށް ބަހުގެ ހަމަލާ ދީފަ އެވެ. ޚިޒް ޚާން ބުނީ ގައުމަށްޓަކައި ޓްރަމްޕް ގުރުބާން ކުރި އެއްޗެއް، މީހެއް ނެތް ކަމަށެވެ. އަދި އެމެރިކާގެ ގާނޫނު އަސާސީ ޓްރަމްޕް ވިދާޅުވި ކަމާ މެދު ސުވާލު އުފެދޭ ކަމަށާއި ޓްރަމްޕް އަތުގައި ގާނޫނުގެ ކޮޕީއެއް ނެތް ނަމަ އޭނާ ކޮޕީއެއް ދީފާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ޚިޒް ޚާން ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ އަންހެނުން ގަޒާލާ ޚާން ވެސް ކައިރީގައި ހިމޭނުން ހުއްޓެވެ.
ގަޒާލާގެ ހިމޭންކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ މަޑުން ހުރީ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުން ކަމަށާއި އެ ގޮތަށް މަޑުން ހުރުމުން ސުވާލު އުފެދޭ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓަށް ފޮނުވި ލިޔުމެއްގައި ގަޒާލާ ބުނީ އޭނާ އަށް ވެސް ކޮންވެންޝަނުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަކު އެއީ ޑޮނަލްޑް ޓްރަމްޕަށް ނަމަވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހަނގުރާމައިގައި ދުނިޔެ ދޫކޮށް ދިޔަ ފިރިހެން ދަރިއެއްގެ ބޮޑު ފޮޓޯއެއްގެ ކުރިމަތީގައި ހުރެގެން ވާހަކަ ދެއްކުމަކީ އޭނާ އަށް އަދި އެއްވެސް މަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގަޒާލާ ބުންޏެވެ. އޭނާ ވާހަކަ ނުދެއްކި ނަމަވެސް އޭނާގެ ހިތުގެ ވޭން އެމެރިކާ އާއި މުޅި ދުނިޔެ އަށް އިހުސާސް ކުރެވޭނެ ކަމަށް ވެސް ގަޒާލާ ބުންޏެވެ.
ޚިޒް، 65، އާއި ގަޒާލާގެ ދަރި އުމުރުން 27 އަހަރުގައި އިރާގުގައި މަރުވެފައި ވަނީ 2004 ވަނަ އަހަރު އެވެ.
"ޑޮނަލްޑް ޓްރަމްޕް އިސްލާމް ދީނޭ ކިޔައިގެން ވާހަކަ ދައްކާ އިރު ދީނާ ބެހޭ ގޮތުން އޭނާ އަށް އެކައްޗެއް ވެސް ނޭނގޭ. އޭނާ އަށް ރަނގަޅަށް ދީން އެނގޭ ނަމަ ޓެރަރިސްޓުންނޭ ކިޔައިގެން މިހާރު އެ ދައްކަވާ ވާހަކަތައް ނުދައްކާނެ. ސަބަބަކީ ޓެރަރިޒަމަކީ މުޅިން އެހެން އެއްޗެއް،" ގަޒާލާ ބުނެފައިވެ އެވެ.
ގަޒާލާ އިތުރަށް ބުނެފައި ވަނީ ވަރަށް ގިނަ ގުރުބާނީތައްވި ކަމަށް ޓްރަމްޕް ވިދާޅުވި އިރު ގުރުބާނީގެ މާނަ ވެސް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ގައުމަށްޓަކައި ގުރުބާންވެ ދިޔަ ދަރިއެއްގެ މަންމައެއްގެ އިހްސާސް ވަޒަން ނުކުރޭތީ ޓްރަމްޕްގެ އޮތީ ކަޅު ހިތެއް ކަމަށް ވެސް ގަޒާލާ ބުންޏެވެ.