13 ޖުލައި 2018 - 11:44

ލާހޯރު (ޖުލައި 13) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ގައުމަށް މިއަދު ހަވީރު ވަޑައިގަންނަވާތީ އޭނާ ހައްޔަރު ކުރަން 10،000 ސިފައިން ލާހޯރު އެއާޕޯޓަށް ފޮނުވައިފި އެވެ.

ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަށް ބުނެ، ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން ޕާކިސްތާނުގެ އެކައުންޓިބިލިޓީ ކޯޓުން ހުކުމް ކުރީ މިދިޔަ ހަފުތާގަ އެވެ. ހުކުމް ކުރި އިރު ނަވާޒް ޝަރީފް ހުންނެވީ އަނބިކަނބަލުންގެ ބޭސް ފަރުވާ އަށް ލަންޑަނުގަ އެވެ.
ނަވާޒް ޝަރީފް ޕާކިސްތާނަށް ވަޑައިގަންނަވާނީ ޔޫއޭއީ މަގުންނެވެ. އިއްތިހާދު އެއާވޭސްގެ ބޯޓު ލާހޯރުގެ އާއްލާމާ އިގްބާލް އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ (އެންއޭބީ)ގެ އޮފިޝަލުން ގޮސް ނަވާޒް ޝަރީފް ހައްޔަރު ކުރާނެ އެވެ. އެންއޭބީގެ އޮފިޝަލުން ވަނީ އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ފޮނުވައިފަ އެވެ. އެއާ ފްލައިޓް އިސްލާމްއާބާދަށް ޑައިވާޓްކޮށްފާނެތީ އެވެ.
ނަވާޒް ޝަރީފް، 68، ހައްޔަރު ކުރުމުގެ އޮޕަރޭޝަނަށް ލާހޯރުގައި ވަނީ 10،000 ސިފައިން އެއާޕޯޓް ސަރަހައްދަށް ނެެރެފަ އެވެ. ލާހޯރް އެއާޕޯޓަށް ދާން އޮންނަ ހުރިހާ މަގެއް ވަނީ ރެއިން ފެށިގެން ބަންދުކޮށްފަ އެވެ. ގިނަ މަގުތައް ބަންދުކޮށްފައި ހުރީ ކޮންޓެއިނާތައް ބަހައްޓައިގެންނެވެ. ޕަންޖާބް ޕްރޮވިންސްގައި މިއަދު ހަވީރު 3 އިން މިރޭ 12 އަށް މޯބައިލް ފޯނު ނެޓްވޯކް ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.
ނަވާޒް ޝަރީފްގެ ޕާޓީ ޕީއެމްއެލް-އެންގެ މެމްބަރުން ދަނީ އެއާޕޯޓަށް ދިއުމަށް ރާވަމުންނެވެ. އެއާޕޯޓަށް ދިއުމުގެ ހިނގާލުމުގައި އިސްކޮށް ހުންނާނީ ޕާޓީގެ މިހާރުގެ ލީޑަރު ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހުބާޒް ޝަރީފެވެ. ނަވާޒް ޝަރީފުގެ މަންމަ ވެސް ވަނީ ސަޕޯޓަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެއާޕޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަވާޒް ޝަރީފް ވަޑައިގަންނަވާނީ ދަރިކަނބަލުން މަރިޔަމްއާ އެކު އެވެ. ކޮރަޕްޝަނުގެ މައްސަލާގައި މަރިޔަމްގެ މައްޗަށް ވެސް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަވާޒް ޝަރީފްއާ އެކު މަރިޔަމް، 44، ވެސް ހައްޔަރު ކުރާނެ އެވެ. ލާހޯރުގެ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށްގެން ހެލިކޮޕްޓަރުގައި ގެންދާނީ އިސްލާމްއާބާދަށެވެ. އޭގެ ފަހުން ޖަލު ހުކުމް ތަންފީޒް ކުރަން އެ ދެބެފައިން ފޮނުވާނީ އަޑިއަލާ ޖަލަށެވެ.
ލަންޑަނުން ދުބާއީ އަށް ވަޑައިގެންނެވި ބޯޓުގައި އިންނަވާ ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވައި ނަވާޒް ޝަރީފް ވިދާޅުވީ އެއާޕޯޓުން ގެންދާނީ ސީދާ ޖަލަށްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެކަން މި ކުރައްވަނީ ޕާކިސްތާނުގެ ރައްޔިތުންނާއި އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.
ނަވާޒް ޝަރީފުގެ މައްޗަށް ހުކުމް އިއްވި އިރު މި މަހު 25 ގައި އެ ގައުމުގައި އާއްމު އިންތިޚާބު އޮންނާނެ އެވެ.
ނަވާޒް ޝަރީފުގެ މައްޗަށް ތުހުމަތު ކުރި ކޮރަޕްޝަނުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާފައި ވަނީ ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުރުމުގެ ޝަރުތު ނަވާޒް ޝަރީފު ފުރިހަމަ ނުވާ ކަމަށެވެ. އަދި ހުކުމަށް ތަބާވުމުގެ ގޮތުން ނަވާޒް ޝަރީފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.