14 ޖުލައި 2018 - 08:21

ޑިސެމްބަރު 21 ގައި ޝާކްރުކް ހާނާއި އަނޫޕަމް ކޭރް ވަރުގަދަ ދެ ފިލްމަކާ އެކު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ތައްޔާރުވެއްޖެ އެވެ.
ޝާހްރުކްގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" ގައި އޭނާގެ ބައްޕަގެ ރޯލް ކުޅުނު އަނޫޕަމް ކޭރްގެ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ސިނަމާތަކަށް އަންނާނީ ޝާހްރުކްގެ "ޒީރޯ" ރިލީޒް ކުރާ ދުވަހުކަން އަނޫޕަމް ވަނީ ޓްވިޓާގައި ބުނެފަ އެވެ.
މި ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމްގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ އަނޫޕަމެވެ.
ޑިސެމްބަރު މަހުގެ 21 ގައި "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ސްކްރީނަށް ގެންނަކަން އިއުލާންކުރި އިރު، މި ފިލްމަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ސިނަމާތަކަށް ގެންނާނެ ކަމަށް ބުނި ފިލްމެކެވެ. އަނެއްކޮޅުން ޝާހްރުކް ޑްވާފެއްގެ ރޯލުން ފެނިގެންދާ "ޒީރޯ" އަކީ މާ ކުރިން ޑިސެމްބަރު 21 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
އެކަމަކު ދެ ފިލްމަކީ ވެސް ކޮންސެޕްޓްގެ ގޮތުން ވަރަށް ތަފާތު ދެ ފިލްމަށްވާތީ، ބޮކްސް އޮފީހުގައި ދެ ފިލްމަށް މާ ބޮޑު ހަނގުރާމައެއް ކުރަން ނުޖެހޭ ކަމަށް ބޮލީވުޑްގެ ހަބަރުތައް ދިރާސާކުރާ ބައެއް މީހުން ބުންޏެވެ.
ނަމަވެސް އިންޑިއާގައި ބައޮޕިކްތަކަށް ބެލުންތެރިން މިހާރު ދޭ ބޮޑު ތަރުހީބާ އެކު "ދި އެކްސިޑެންޓް ޕްރައިމް މިނިސްޓާ" އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ އެވެ. ވިޖޭ ގުއްޓޭ ޑައިރެކްޓްކޮށްފައިވާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަކްޝަޔޭ ކަންނާ، އަހާނާ ކުމްރާ އަދި އަރްޖުން މާތޫރް ހިމެނެ އެވެ.
އާނަންދް އެލް ރާއީ ޑައިރެކްޓްކޮށްފައިވާ "ޒީރޯ" ގައި ޝާހްރުކާ އެކު ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް އެވެ.
ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އާރް މަދަވަން، އަބޭ ޑިއޯލް އަދި ޝާހްރުކްއާ އެކު ފިލްމްތައް ކުޅުނު ގިނަ ބަތަލާއިންތަކެއްގެ ހާއްސަ ފެނިލުންތަކެއް "ޒީރޯ" ގައި ހިމެނޭނެ އެވެ.