12 ޖުލައި 2018 - 23:21

ލަންޑަން (ޖުލައި 12) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަންޑަނަށް ކުރައްވާ ދަތުރާ ދިމާކޮށް އިހްތިޖާޖްތައް ކުރަން ތައްޔާރުވެއްޖެ އެވެ.

ހަތަރު ދުވަހުގެ ދަތުރެއްގައި ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ލަންޑަނަށް މިރޭ ވަޑައިގެންނެވީ ބްރެސަލްސްގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެވެ. ޓްރަމްޕުގެ މި ދަތުރުގައި އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭއާ ބައްދަލު ކުރައްވާ ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.
ޓްރަމްޕުގެ ދަތުރާ ދިމާކޮށް މާދަމާ ލަންޑަނުގެ މެދުތެރެއަށް ނުކުމެ އިހްތިޖާޖް ކުރުމަށް އެތައް ހާސް ބަޔަކު މިހާރު ދަނީ ތައްޔާރުވަމުންނެވެ. އިހްތިޖާޖްތައް އިންތިޒާމް ކުރާ ފަރާތްތަކުން ބުނަމުން ދަނީ އިސްލާމް ދީނާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ މެދު އެ މީހުން ހިތްހަމަ ނުޖެހޭ ކަމަށެވެ. ޓްރަމްޕާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން ވަނީ ޓްރަމްޕުގެ ސޫރަ ސިފަވާ ގޮތަށް ހީލިއަމް އަޅައިގެން ހަ މީޓަރުގެ ބްލިމްޕެއް ހަދާ ޕާލަމެންޓް ގާޑަންސް އަށް ނަގަން ނިންމައިފަ އެވެ. ލަންޑަނުގެ ސިޓީ ހޯލުން ވަނީ އެކަމަށް ހުއްދަ ދީފަ އެވެ. ޔޫކޭ އިންޑިޕެންޑް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވީ މިއީ ގައުމެއްގެ ވެރިއަކަށް ކުރެވޭނެ އެންމެ ބޮޑު މަލާމާތް ކަމަށެވެ.