ވާދަޔަށް ނަށައިގެން ފުލުހުންތަކެއް ސަމާލުކަން ހޯދައިފި
ވާދަޔަށް ނަށައިގެން ފުލުހުންތަކެއް ސަމާލުކަން ހޯދައިފި

ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރި ކަމަށް ތިބޭ ފުލުހުންނަކީ ވަރަށް ސީރިއަސް ބައެއްގެ ގޮތުގައި ދެކެވުނަސް މި ވީޑިއޯއަކީ އޭގެ އިދިކޮޅަށް ވެދާނެ އެވެ.

އެމެރިކާގެ ވާޖިނިއާގެ ނޯފޯކް ޕޮލިސް ޑިޕާޓްމަންޓުން މިހާރު ބުނަނީ އެ މީހުންނަނީ ރައްޔިތުންގެ ހިމާޔަތަށް ހުވައެއް ކޮށްގެން ތިިއްބަސް އެއީ ރޮބޮޓުންތަކެއް ނޫން ކަމަށެވެ.

އެހެންވެ އޮފީސްތެރޭގައި ނަށާލައި، ސަކަރާތް ޖަހައިލުމުން މައްސަލައަކަށް ވާންވީ ސަބަބެއް ވެސް ނެތެވެ. މި ވީޑިއޯގައި މި ފެންނަނީ ނޯފޯކް ޕޮލިސް ޑިޕާޓްމަންޓްގެ ފުލުހުން، މަޝްހޫރު ލަވަކިޔުންތެރިޔާ ބްރުނޯ މާސްގެ ލަވަ "އަޕްޓައުން ފަންކް" އަށް ލިޕް ސިންކްކޮށްފައި ނަށާ ތަނެވެެ.

އެ މީހުންގެ މި ވީޑިއޯ ފޭސްބުކްގައި ޕޯސްޓް ކުރުމާ އެކު އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އަދި ވަރަށް ގިނަ ބަޔަކު އެއަށް ކޮމެންޓްކޮށް، އެ ހުނަރަށް ހިތްވަރު ވެސް ދީފައިވެ އެވެ. ޔޫޓިއުބްގައި ވެސް މި ވީޑިއޯ ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފަ އެވެ. މީގެ ވިއުސް މިހާރު ވަނީ 30 މިލިއަނުން މައްޗަށް އަރައިގެން ގޮސްފަ އެވެ.

އެކަމަކު މިއީ ކުރާނެ ކަމެއް ނެތިގެން ނޯފޯކް ޕޮލިސް ޑިޕާޓްމަންޓުންކޮށްލި ކަމެއް ނޫނެވެ. މިއީ ޓެކްސަސްގެ ކޮރިންތު ޕޮލިސް ޑިޕާޓްމަންޓުން ކުރި ޗެލެންޖަކަށް ކުރި ކަމެކެވެ. އެ ޓީމުން ލިޕް ސިންކް ކުރީ މައިލީ ސައިރަސްގެ ލަވަ "ޕާޓީ އިން ދަ ޔޫއެސްއޭ" އަށެވެ.

ކޮރިންތު ޕޮލިސް ޑިޕާޓްމަންޓުން ވަނީ އެ މީހުންނާ ވާދަކޮށްލާނެ ޗެލެންޖަކަށް އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކެއްގެ ޕޮލިސް ޑިޕާޓްމަންޓްތަކަށް ލިޕް ސިންކް ޗެލެންޖް ފޮނުވައިފަ އެވެ. މީގެ ތެރެއިން ވެސް ވައިރަލްވެގެން މި ދިޔައީ ނޯފޯކް ޕޮލިސް ޑިޕާޓްމަންޓްގެ ޗެލެންޖެވެ. ހަތަރު މިނިޓްގެ މި ވީޑިއޯ ބޮޑަށް ވައްތަރީ ވެސް ޕްރޮފެޝަލް ޓީމަކުން ހަދާފައި އޮތް ވީޑިއޯ ލަވައަކާ އެވެ.

މިއަށް ލިބުނު ތަރުހީބާ ގުޅިގެން ނޯފޯކް ޕޮލިސް ޑިޕާޓްމަންޓްގެ ތަރުޖަމާން ކޯޕަރަލް ވިލިއަމް ޕިކެރިން ބުނީ އޭނާ މިހާރު ހުރީ "ބަސް ހުއްޓިފައި" ކަމަށެވެ.

"ވަރަށް ވެސް އުފާވެފައި އަހަރެމެން މި ތިބީ. ހިއެއް ނުކުރަން އެއްގޮތަކަށް ވެސް މި ވަރުގެ ބޮޑު ތަރުހީބެއް އަހަރެމެންގެ ވީޑިއޯ އަށް ލިބޭނެ ކަމަކަށް،" އޭނާ ބުންޏެވެ.

ވިލިއަމް ބުނި ގޮތުގައި އެ މީހުންގެ ވީޑިއޯ ޝޫޓް ކުރީ މެންދުރުގެ ބްރޭކަށް ލިބުނު ގަޑީގަ އެވެ. އަދި ލަވަ ޝޫޓްކޮށްލީ އެންމެ ދެ ޓޭކުން ކަމަށް ބުންޏެވެ.

"މި ވީޑިއޯ އެހާ ސަޅިޥީ ޓީމް ވޯކް ރަނގަޅުކަމުން. ވަކިން ހާއްސަކޮށް ލަވައިން ދައްކާ މައި ބަތަލު އަދި އަހަރެމެންގެ ވަރުގަދަ އޮފިސަރު ކްރިސްޓޯފާ ޓްވެރެސްގެ ސްޓެޕްތައް ވެސް ހަމަ ފައްކަލީ،" ވިލިއަމް ބުންޏެވެ.