މެކްސިކޯގެ ފުލުހުންތަކަކަށް ބަޑީގެ ބަދަލުގައި ސާޅަނގަ ދީފި
މެކްސިކޯގެ ފުލުހުންތަކަކަށް ބަޑީގެ ބަދަލުގައި ސާޅަނގަ ދީފި

މެކްސިކޯގެ ފުލުހުންގެ ވަޒީފާއާ އަލަށް ގުޅުނު ޓީމެއްގެ އޮފިސަރުންތަކަކަށް ބަޑި ބޭނުން ކުރަން ދަސްކޮށް ދޭން ކުރިއަށް ގެންދިޔަ ޓްރޭނިންތަކެއްގައި ފެއިލްވުމުން، ބަޑީގެ ބަދަލުގައި ސާޅަނގަ ދީފި އެވެ.

މި ފުލުހުން ޔުނިފޯމް އަޅައިގެން މަގުމައްޗަށް ޑިއުޓީ އަށް ނެރުނު އިރު، ޔުނިފޯމްގެ ފަޓްލޫނުގައި އާންމުކޮށް، ފިސްތޯލަ ހަރުކުރާ ދިމާލުގައި ސާޅަނގަތަކެއް ޖަހާފައި ހުރުމުން ގިނަ ބައެއްގެ ލޮލުގައި މިކަން އަޅައިގަނެ، ފޮޓޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ބަޑި ގެންގުޅޭނެ ގޮތް ދަސްކޮށް އަލްވެރާޑޯގެ ޕޮލިސް ޑިޕާޓްމަންޓުން ބޭއްވި ޓްރޭނިންގައި 130 އޮފިސަރުން ބައިވެރިވި އިރު، މިންގަނޑުތަކާ އެއްގޮތަށް ހަތިޔާރު ބޭނުން ކުރާ ގޮތް ދަސްވެ ފާސްވީ އެންމެ 30 އޮފިސަރުންނެވެ.

އެހެންވެ ފެއިލްވި ފުލުހުންގެ އަތަށް ބަޑި ދިނުމުގެ ބަދަލުގައި ސާޅަނގަ އާއި ހިލަކޮޅުތައް ހަތިޔާރެއްގެ ގޮތުގައި ދޭން ނިންމީ މެކްސިކޯގެ ވެރަކްރޫޒް ސްޓޭޓްގެ ގަވަރުނަރު މިގްއެލް އެންޖެލް ޔުނެސް ލިނަރެސް އެންގެވުމަކަށެވެ. އަދި މިކަމަށް އަލްވެރާޑޯގެ މޭޔަރު ބޯގާ ރުއިޒް ރޮޒެސް ވަނީ ތާއީދު ވެސް ކުރައްވައިފަ އެވެ.

ފުލުހުންނާ ސާޅަނގަ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ވެސް މޭޔަރެވެ.

މީޑިއާތަކުން ބުނި ގޮތުގައި ވެރަކްރޫޒް ސްޓޭޓްގެ ފުލުހުން ކުށްވެރިންނާ ކުރިމަތިލާ އިރު، ސާޅަނގަ ހަތިޔާރެއްގެ ގޮތުގައި ދިން ދިނުން ނަމޫނާއަކަށް ބަލައިގެން، މެކްސިކޯގެ އެހެން ސްޓޭޓްތަކުގެ ފުލުހުންނަށް ވެސް ސާޅަނގަ ދޭން ވަނީ ނިންމައިފަ އެވެ. އެހެންވެ މިއީ ހަތިޔާރަށް ކުރަން ޖެހޭ ހަރަދު ވެސް ކުޑަ ވާނެ ކަމެކެވެ.