އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިދިޔަ މަހު 223 މިލިއަން ރުފިޔާ ލިބިއްޖެ
އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިދިޔަ މަހު 223 މިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ މަހު 223 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ޑިއުޓީގެ ގޮތުގައި މިދިޔަ ޖޫން މަހު ލިބުނު އާމްދަނީ ވަނީ ހަތަރު ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 215 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހު އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23 ޕަސެންޓް އިތުރުވެފައި ވެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު 2.89 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތު ގައި އެ އަދަދު ވަނީ 3.55 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 24 ޕަސެންޓް، ޔޫއޭއީ އިން އިމްޕޯޓްކުރިއިރު، ޗައިނާ އިން 15 ޕަސެންޓް އަދި ސިންގަޕޫރުން 10 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 46 ޕަސެންޓް އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު 422 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު، މިދިޔަ ޖޫން މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ 616 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ރާއްޖެ އިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ.

މިދިޔަ ޖޫން މަހު އެކްސްޕޯޓް ކުރި މުދަލުގެ 27 ޕަސެންޓް ޖަރުމަނަށް ފޮނުވިއިރު، އެމެރިކާ އާއި ފްރާންސް އަދި ތައިލެންޑަށް 11 ޕަސެންޓް އެކްސްޕޯޓް ކޮށްފައި ވެ އެވެ. މީގެ އިިތުރުން، ސުވިޒަލެންޑަށް އަށް ޕަސެންޓް އެކްސްޕޯޓް ކޮށްފައި ވެ އެވެ.