12 ޖުލައި 2018 - 16:33

އޭޝިއަން ގޭމްސް ޕްރޮމޯޓްކުރުމަށް ހާއްސަ ހަރަކާތްތަކެއް ހަފުތާ ބަންދުގައި މާލޭގައި ބާއްވަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އިން ރާވައިފި އެވެ.
އިންޑޮނީޝިއާގައި އަންނަ މަހުގެ 18 ވަނަ ދުވަހު ފަށާ ގޭމްސްގައި ރާއްޖޭން 77 އެތުލީޓުން ބައިވެރިވެ އެވެ. ރާއްޖޭން ބައިވެރިވާ ދެ ވަނަ އަށް އެންމެ ބޮޑު ކުޅިވަރު ގޭމްސް ޕްރޮމޯޓްކުރުމަށް ބާއްވާ ފުރަތަމަ ހަރަކާތަކީ މާދަމާ ހެނދުނު އޮންނަ "ފަން ރަން" އެވެ. މާފަންނު ރަސްފަނުން ފަށައިގެން ދެ ކިލޯމީޓަރަށް ދުވާ މި ދުވުމުގައި ސްކޫލް ދަރިވަރުންގެ އިތުރުން ބައެއް އެތުލީޓުންނާއި ކުޅިވަރު އާއިލާގެ މެމްބަރުން ބައިވެރިވާނެ އެވެ.
ދެ ވަނަ އިވެންޓް އޮންނާނީ ގަލޮޅު ދަނޑުގައި އަންނަ ހޮނިހިރު ދުވަހު އެވެ. މި އިވެންޓުގައި ގްރޭޑް 3،4 އަދި 5 ގައި ކިޔަވާ 200 ދަރިވަރުން ބައިވެރިވާނެ އެވެ. އެ ކުދިންނަށް ހުޅުވާލައިގެން ކުޅިވަރު ހަރަކާތްތަކާއި ސަގާފީ ހަރަކާތްތަކުގެ އިތުރުން ކުއިޒްތައް މި އިވެންޓުގައި އޮންނާނެ އެވެ.
އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް ސީވީޑް އަހުމަދު ލަތީފް ވިދާޅުވީ މި އިވެންޓްތަކުގެ ބޭނުމަކީ ކުޅިވަރަށް އޮތް ލޯބި ފާހަގަކޮށް ކުޅިވަރުގެ ވެލޫސްތަކާއި ރޫހު ދިރުވައި އާލާކޮށް އަދި މި ގޭމްސް ޕްރޮމޯޓްކުރުން ކަމަށެވެ.
މި އިވެންޓްތައް ގޭމްސްގައި ބައިވެރިވާ ހުރިހާ ގައުމެއްގައި ވެސް ބާއްވަ އެވެ. މިވަގުތު ރާއްޖޭގައި ވަޑައިގެން ހުންނެވި އިންޑޮނޮޝިއާ ނެޝަނަލް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ހެލެން ވިދާޅުވީ ރާއްޖޭން ގޭމްސްއަށް ވަމުން އަންނަ ތައްޔާރީތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެކަން ފާހަގަކުރާ ކަމަށެވެ.
"ގޭމްސް ޕްރޮމޯޓްކުރުމަށް ވެސް އޮލިމްޕިކް ކޮމިޓީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދޭ،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އަދި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އިވެންޓުގައި މި ފަހަރު އޭޝިއާގެ 45 ގައުމުން ބައިވެރިވާނެ އެވެ. އެގޮތުން 40 ކުޅިވަރެއްގެ 462 އިވެންޓް އޮންނާނެ އެވެ.