12 ޖުލައި 2018 - 16:11

އިންޑޮނީޝިއާގައި އަންނަ މަހުގެ 18 ވަނަ ދުވަހު ފަށާ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި 77 އެތުލީޓުން ބައިވެރިވާނެ ކަމަށާއި މެޑަލްތަކެއް އުއްމީދެއް ނެތަސް މި ގޭމްސް އިން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
މިދިޔަ އަށެއްކަ އަހަރު އޮލިމްޕިކް ކޮމިޓީން ބޭރުގެ މުބާރާތްތަކަށް ދިވެހި އެތުލީޓުން ފޮނުވީ ވަރަށް ބޮޑަށް ތައްޔާރުވެ އަމާޒުތަކެއް ކަނޑައަޅައިގެންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ ނައިބް ރައީސް ސީވީޑް އަހުމަދު ލަތީފް ވިދާޅުވީ އޭޝިއަން ގޭމްސް އަކީ ރާއްޖޭން ބައިވެރިވާ ގޭމްސްތަކާ ބަލާއިރު މާބޮޑަށް ވެސް ފެންވަރު ރަނގަޅު މުބާރާތެއް ކަމަށާއި މެޑަލްތަކަށް އުއްމީދުނުކުރާ ކަމަށެވެ.
އެކަމަކު އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް ރާއްޖޭން ބޮޑެތި ކާމިޔާބީތަކެއް ހޯދަން އަމާޒު ކަނޑައަޅާއިރު އޭޝިއަން ގޭމްސްގެ ތެރެއިން އެތުލީޓުންނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށާއި މިއީ އެ މުބާރާތްތަކަށް ތައްޔާރުވަން ލިބޭ ރަނގަޅު ފުުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް ވިދާޅުވީ މުބާރާތަށް ތައްޔާރުވާން ސަރުކާރުން ވަރަށް ބޮޑު ހޭދައެއްކުރައްވާ ކަމަށާއި ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ އެތުލީޓުންގެ ތަމްރީންތަކާ މެދު ވެސް ހިތްހަމަޖެހުން ފާޅުކުރައްވައިފަ އެވެ.
މި ފަހަރުގެ ގޭމްސްގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަކީ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދެވެ. އޭނާ ވިދާޅުވީ ރާއްޖޭން ބައިވެރިވާ 77 އެތުލީޓުންގެ ތެރެއިން 34 ބައިވެރިންނަކީ އަންހެނުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެ ކޮމިޓީގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެކަން ހާސިލްވުމަކީ ކާމިޔާބެއް ކަމަށެވެ.
އޮގަސްޓް 18 އިން ސެޕްޓެމްބަރު 2 އަށް އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބާގުގައި އޮންނަ މި ގޭމްސްގައި 40 ކުޅިވަރެއްގެ 462 އިވެންޓް އޮންނާނެ އެވެ.