12 ޖުލައި 2018 - 16:28

ބެންކޮކް (ޖުލައި 12) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގެ ޗެމްބަރެއްގައި ފެން ހިއްކަން ބަހައްޓައިފައި ހުރި ޕަމްޕްތައް ފެއިލްވުމުން، ހޮހަޅައިގެ ތެރޭގައި ތިބި ޑައިވަރުންގެ ފަހު ގްރޫޕަށް ނުކުމެވުނީ ކިރިޔާ ކަމަށް ކޮމާންޑަރު ޗައިޔަނަންތާ ޕީރަނަރޮން ބުނެފި އެވެ.

ތައި ނޭވީ ސީލްގެ ކުރީގެ މެންބަރު ޗައިޔަނަންތާ، 60، ބުނީ 12 ކުދިންނާއި ކޯޗު ހޮހަޅައިން ނެރުމަށް ފަހު ހޮހަޅައިން އެންމެ ފަހުން ނުކުތް މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނޭ ކަމަށެވެ. ހޮހަޅައިގެ ދެ ޗެމްބަރުގެ މެދުގައި ބަހައްޓާފައި ހުރި ޕަމްޕްތައް ފެއިލްވުމާ އެކު ކުއްލިއަކަށް އެ ޗެމްބަރުގެ ތެރޭގައި ފެންބޮޑުވި އެވެ.
"ފެން ޕަމްޕްތައް ހުއްޓިއްޖެ ކަމަށް ބުނެ އެ އޭރިއާ ބަލަހައްޓަން ހުރި އޮސްޓްރޭލިއާގެ ޑައިވަރު ކުއްލިއަކަށް ހަޅޭއްލައްވަން ފަށައިފި. އެ އޭރިއާގައި ފެން ޕަމްޕް ބޭނުން ނުކޮށްފި ނަމަ އޮކްސިޖަން ފުޅި އަޅައިގެން ނޫނީ ނުކިމެވޭނެ. އެކަމަކު ބާކީ ތިބި މީހުންގެ އަތުގައި ޑައިވިން ގިއާއެއް ނެތް،" ޗައިޔަނަންތާ ބުންޏެވެ. "އެންމެ ފަހު ޑައިވަރު ނުކުތް އިރު ބޮލާ ހަމައަށް ފެންގަނޑު ބޮޑުވެއްޖެ."
ހޮހަޅައިގައި ތިބި ކުދިންނަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ފަހު އެނބުރި ހޮހަޅައިން ނުކުންނަން ދިޔަ މަގު މަތީގައި އޮކްސިޖަން ހުސްވެގެން، ނޭވީ ސީލްގެ ކުރީގެ ޑައިވަރަކު ވަނީ ހުކުރު ދުވަހު މަރުވެފަ އެވެ.