12 ޖުލައި 2018 - 15:46

އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ހިންގާ އިމާރާތް ސަރުކާރަށް ނަގަން ނިންމައިފި އެވެ.
އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ އެކްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ) ވިދާޅުވީ އެ އިމާރާތް ހައުސިން މިނިސްޓްރީ އަށް ނަގަން ނިންމީ ދައުލަތުގެ ބޭނުމަކަށް ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެއްވަ އެވެ.
ކައުންސިލް އިދާރާ ހުންނަ އިމާރާތުގައި ސަރުކާރުގެ ބައެއް އޮފިސްތަކުގެ ޔުނިޓްތައް ވެސް ހިންގަ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އައްޑޫ ބްރާންޗް ހިމެނެ އެވެ.
ޒުހައިރު ވިދާޅުވީ ހަތް ދުވަހުގެ ތެރޭގައި އެތަން މިނިސްޓްރީއާ ހަވާލުކުރަން އެންގީ، އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރާ ގޮތަށް ކަމަށެވެ.
އެކަމަކު އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެފައި ވަނީ ކައުންސިލް އިދާރާ ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ރަސްމީކޮށް ކައުންސިލަށް އަދި އަންގާފައި ނެތް ކަމަށެވެ. އެކަހަލަ ކަމެއް އުޅޭކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޅިން ވެސް އެމްޑީޕީ ކައުންސިލަރުން ތިއްބަވާ އައްޑޫ ސިޓީ ކައުންސިލް ހިންގަމުން އަންނަނީ އެންމެ ފުރަތަމަ ދެކުނުގެ ތަރައްގީގެ މަޝްރޫއުތައް ބަލަހައްޓަން ހެދި އޮފީހަށް ހާއްސަ ކުރި އިމާރާތެވެ. ކައުންސިލްތައް އުފެދުމުގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި އައްޑު އާއި ފުވައްމުލަކުގެ ދެކުނު ޕްރޮވިންސް އޮފީސް ވެސް އެ ތަނުގައި ހިންގި އެވެ.