12 ޖުލައި 2018 - 15:03

ނިއު ދިއްލީ (ޖުލައި 12) - ތާޖް މަހަލް ހިމާޔަތް ކުރުމުގައި އިންޑިއާ ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށް ބުނެ ސުޕްރީމް ކޯޓުން ފާޑު ކިޔައިފި އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުން ބުނީ ފެޑެރަލް އަދި ސްޓޭޓް ސަރުކާރުން ވެސް ވަނީ ތާޖް މަހަލްގެ ބައެއް ތަންތަނުގެ ހާލަތު ރަނގަޅު ކުރުމުގައި ފިޔަވަޅު އަޅަން ފަސްޖެހިފައި ކަމަށެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން މިހެން ބުނިއިރު 17 ވަނަ ގަރުނުގެ ތާޖް މަހަލް އަށް ޕޮލިއުޝަނުގެ އަސަރުކޮށް އެ ތަނުގެ ކުލަ ބަދަލުވަމުންދާތީ އެތައް ބަޔަކު ސޮއިކޮށް ޕެޓިޝަނެއް ވަނީ ހުށަހަޅައިފަ އެވެ.
ތާޖް މަހަލް އަކީ ދުނިޔޭގައި ވެސް ޓޫރިސްޓުންގެ އެންމެ މަގްބޫލް އެއް ތަނެވެ. ތާޖް މަހަލް އަށް ދުވާލަކު 70،000 މީހުން ޒިޔާރަތް ކުރެ އެވެ.
ސަރުކާރުން ކޯޓުގައި ބުނެފައި ވަނީ ތާޖް މަހަލް އަށް ކުރަމަތިވެފައިވާ ޕޮލިއުޝަނުގެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. ތާޖް މަހަލްއާ ކައިރީގައިވާ ގިނަ ފެކްޓަރީތަކެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.