13 ޖުލައި 2018 - 11:03

މޮސްކޯ (ޖުލައި 12) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފީފާ އިން ޓީމުތަކަށްދޭ ފައިސާގެ އިނާމުތައް އިތުރުކުއިރު، މުބާރާތަށް ހޭދަކުރާ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ފީފާއިން 792 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. މިއީ އެންމެ ފަހުން ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ފީފާއިން ކުރި ހަރަދަށް ވުރެ 215 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައި ފީފާއިން ހަރަދުކުރީ 577 މިލިއަން ޑޮލަރެވެ.
އެންމެ ބޮޑު ހޭދައެއް ފީފާއިން ކުރަނީ ޓީމުތަކަށްދޭ ފައިސާގެ އިނާމަށެވެ. ފައިސާގެ އިނާމަށް 400 މިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. ވޯލްޑް ކަޕަށް ތައްޔާރުވާން ކޮންމެ ޓީމަކަށް މަދުވެގެން 1.3 މިލިއަން ޑޮލަރު ދިނެވެ. އަދި ހުރިހާ ޓީމުތަކުން ވޯލްޑް ކަޕަށް ކުޅުންތެރިން ކްލަބުން ރިލީޒްކުރުމުގެ ހަރަދުތަކަށް 208 މިލިއަން ޑޮލަރު ހަރަދުކުރާއިރު، ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކާ އެހެނިހެން ކަންތައްތަކަށް 134 މިިލިއަން ޑޮލަރު ހަރަދުވެ އެވެ.
އެންމެ ފަހުން ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ޖަރުމަނު ޓީމަށް ދިނީ 35 މިލިއަން ޑޮލަރެވެ. މި ފަހަރުގެ ޗެމްޕިއަނަށްދޭ ފައިސާގެ އިނާމަށް ދިހަ އިންސައްތަ ކުރިއެރުމެއް އައިސްފައިވާއިރު ޗެމްޕިއަން ޓީމަށް މި ފަހަރު ފައިސާގެ އިނާމުގެ ގޮތުގައި 38 މިލިއަން ޑޮލަރު ދޭނެ އެވެ. އަދި ރަނަރަޕް ޓީމަށް 28 މިލިއަން ޑޮލަރު ދޭނެ އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެކި ބުރުތަކުން ނިންމާ ޓީމުތަކަށް ފައިސާގެ އިނާމް ދޭން ފެށީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާނުގައި ބޭއްވި މުބާރާތުން ފެށިގެންނެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި އެކި ޓީމުތައް މުބާރާތް ނިންމާ ހިސާބަކަށްދޭ ފައިސާގެ އިނާމަށް 400 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ.
އެ ގޮތުން ގްރޫޕް ސްޓޭޖުން މުބާރާތް ނިމޭ ޓީމުތަކަށް 7.9 މިލިއަން ޑޮލަރު ދޭނެ އެވެ. ދެ ވަނަ ބުރުން މުބާރާތް ނިމޭ ޓީމުތަކަށް 11.9 މިލިއަން ޑޮލަރުގެ ފައިސާ އިނޭމެއް ލިބޭނެ އެވެ. ކުއާޓާ ފައިނަލުން މުބާރާތާ ވަކިވާން ޖެހޭ ޓީމުތަކަށް 16 މިލިއަން ޑޮލަރު ލިބޭނެ އެވެ.
މުބާރާތުގެ ހަތަރު ވަނަ ޓީމަކަށް 22 މިލިއަން ޑޮލަރު ލިބޭއިރު، ތިން ވަނަ އަށް ހޮވޭ ޓީމަކަށް ލިބޭނީ 23.9 މިލިއަން ޑޮލަރެވެ.
ވޯލްޑް ކަޕު ކާމިޔާބު ކޮށްފިނަމަ އެކި ގައުމުތަކުގެ އެފްއޭ އިން ވެސް ބޯނަސްތަކެއް ދޭން ނިންމަ އެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ބޮޑު ބޯނަހެއް ހުށަހެޅީ ޖަރުމަނުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕުގެ ތަށި ޖަރުމަނުން ދިފާއުކުރިނަމަ އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 395،298 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ. އަދި ސްޕެއިނުގެ އެފްއޭ އިން ވަނީ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ ކޮންމެ ކުޅުންތެރިއަކަށް 355،768 ޑޮލަރު ދޭން ނިންމައިފަ އެވެ. ޖަރުމަނު ގްރޫޕް ސްޓޭޖުން ކެޓިއިރު، ސްޕެއިން އަށް މުބާރާތް ނިމުނީ ދެ ވަނަ ބުރުންނެވެ.
- މުބާރާތަށް ތައްޔާރުވާން ޓީމުތަކަށް ދޭ ފައިސާ (32 ޓީމަށް 48 މިލިއަން ޑޮލަރު)
- ޓީމުތަކަށް ފައިސާގެ އިނާމް (400 މިލިއަން ޑޮލަރު)
- ކްލަބްތަކުން ކުޅުންތެރިންގެ ރިލީސްފީ އާއި އެހެނިހެން ކަންތައްތަކަށް، (208 މިލިއަން ޑޮލަރު)
- ކުޅުންތެރިންނަށް އަނިޔާވުމުން ދޭ ބަދަލުގެ ފީ (134 މިލިއަން ޑޮލަރު)