12 ޖުލައި 2018 - 15:19

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް، އިދިކޮޅު ހަރަކާތަށް ލިބޭނެ އެންމެ ރަނގަޅު ރަނިން މޭޓަކީ އޭނާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު، އަދި ގާނޫނީ ވަކީލް އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓަކަށް ކުރިމަތިލެއްވުމަށް ފަހު، ޖޭޕީ އޮފީހުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ގައުމީ މަސްލަހަތު އިސްކޮށް، ރަނިން މޭޓަކަށް އޭނާ އިންތިހާބު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ބަލަން ޖެހޭނީ ރައީސް ޔާމީން ބަލިކުރަން އެންމެ ގިނަ ވޯޓް ހޯދޭނީ ކާކަށްތޯ. ރައްޔިތުން އެ ކެންޑިޑޭޓަކަށާއި ރަނިން މޭޓަކަށް އެންމެ ގިނައިން ވޯޓު ދޭނީ ކާކަށްތޯ... އެކަން ކުރަން އެންމެ ރަނގަޅު ކެންޑިޑޭޓަކަށް އަޅުގަނޑު ގަބޫލްކުރަނީ އަޅުގަނޑު،" އޭނާއަށް ތާއީދުކުރާ ބައެއް މީހުންނާ އެކު ބޭއްވި ހަފުލާގައި އަލީ ވިދާޅުވި އެވެ.
އެކަމަކު އަލީ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން އެންމެ މުހިންމީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުން ކަމަށްވާ އިރު ރަނިންމޭޓްކަން އޭނާއަށް ލިބިވަޑައިނުގަތަސް އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ގައުމީ މަސްލަހަތަށް. އަދި ރައްޔިތުންގެ މަސްލަހަތަށް. އަޅުގަނޑު ރައްޔިތުން މަޖިލީހުގައި ކޮށްފައިވާ މަސައްކަތާއި އަދި އަޅުގަނޑުގެ ވާހަކަތަކާއި އަޅުގަނޑުގެ ވޯޓްތަކާއި މުހާތަބުކޮށް ދައްކާފައިވާ ވާހަކަތައް އަމާޒުކޮށްފައިވާނީ އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރާ ތަސައްވަރުގެ މައްޗަށް،" އަލީ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ފަހު ގައުމު ހަމަ މަގަށް އެޅުވުމަށް ގާނޫނާއި ގަވައިދުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވަކީލެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަލީ ވިދާޅުވީ އެ ގާބިލްކަން އޭނާގެ އެބަ ހުރި ކަމަށެވެ.
އަލީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ވަނީ ރަނިން މޭޓްކަމަށް ކުރިމަތިލައްވައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަބްދުﷲ މައުސޫމް ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
ރަނިން މޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ތިނެއް ޖަހަންދެން ވަނީ ހުޅުވާލާފަ އެވެ. ރަނިން މޭޓް ކަނޑައެޅުން އޮންނާނީ މާދަމާ ރޭ ޖޭޕީ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.