ކުދިން ސަލާމަތް ކުރި ހޮހަޅަ މިއުޒިއަމަކަށް ބަދަލު ކުރަނީ
ކުދިން ސަލާމަތް ކުރި ހޮހަޅަ މިއުޒިއަމަކަށް ބަދަލު ކުރަނީ

ބެންކޮކް (ޖުލައި 12) - ބާރަ ކުދިންނާއި ކޯޗު ތާށިވި ތައިލެންޑުގެ ތަމް ލުއާން ހޮހަޅަ މިއުޒިއަމަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެ ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވެއްޖެ އެވެ.

ރެސްކިއު އޮފިޝަލުން ބުނެފައި ވަނީ ހޮހަޅައިގައި ހަދާ މިއުޒިއަމުން ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގި ގޮތް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެއީ ތައިލެންޑަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ޝައުގުވެރިވާނެ ތަނެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

ކުދިން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަނުގެ ވީޑިއޯ ތައި ނޭވީ ސީލުން މިހާރު ވަނީ އާއްމުކޮށްފަ އެވެ.

މިއަންމާގެ ބޯޑަރު ކައިރީގައި އޮންނަ ޗިއާން ރާއީ ޕްރޮވިންސްގެ ކުޑަ ޓައުނެއް ކަމަށްވާ މައެ ސައިގައިވާ ތަމް ލުއާން އަކީ ތައިލެންޑުގެ އެންމެ ބޮޑު އެއް ހޮހަޅަ އެވެ. ތަރައްގީ ނުވާ އެ ހިސާބުގައި ޓޫރިސްޓުން ޝައުގުވެރިވާނެ ތަންތަނެއް ވެސް ނުހުރެ އެވެ.

"މުޅި އޭރިއާ އެއީ ދިރިހުރި މިއުޒިއަކަށް ވެގެންދާނެ،" ޗިއާން ރާއީ ޕްރޮވިންސްގެ ގަވަރުނަރު އަދި ރެސްކިއު މިޝަންގެ ކޮމާންޑަރު ނަރޮންގްސަކް ވިދާޅުވި އެވެ.

ހޮހަޅައިން ކުދިން ނެރުނު ހާދިސާގެ މައްޗަށް ފިލްމެއް ހަދަން ދެ ކުންފުންޏަކުން މިހާރު ވަނީ ޝައުގުވެރިވެފަ އެވެ.