31 ޖުލައި 2016 - 20:28

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރޭ ދަންވަރު ބަޔަކު މަރުގެ އިންޒާރު ދިން ފަހުން، ފުލުހުން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން މިއަދު ފަށައިފި އެވެ.
މިދިޔަ މަހުގެ 21 ގައި ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އުމަރު މިރޭ ވިދާޅުވީ އޭނާ އަށް ފުލުހުންގެ ހިމާޔަތް ދޭން ފެށީ، ކުރިން ވެސް އެކަމަށް އެދިވަޑައިގެންފައި ވަނިކޮށް ކަމަށެވެ.
"ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދިނުމާ އެކު އަޅުގަނޑު ފުލުހުންނަށް އެދުނިން ސިކިއުރިޓީ ފޯރުކޮށްދޭން. އެކަމަކު އޭރު [ފުލުހުން] ވިދާޅުވީ ތްރެޓް އޮތީ ކިހާވަރަކަށްތޯ ބަލަމުން އަންނަ ކަމަށް. އެހެން އޮއްވައި ރޭ އަޅުގަނޑަށް މަރުގެ އިންޒާރު މިއައީ،" ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމަވާފައިވާ އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ކޮންމެ ގައުމެއްގައި ވެސް ހޯމް މިނިސްޓަރުކަން ކުރައްވާނީ ފުލުހުންގެ ސިކިއުރިޓީ ބޭނުންވާ މީހެއް ކަމަށް. ރަނގަޅަށް ހޯމް މިނިސްޓަރުކަން ކޮށްފިއްޔާ އެ ސިކިއުރިޓީ ބޭނުންވާނެ. އެހެންވެ އިސްތިއުފާ ދިނުމާ އެކު ވެސް، ފުލުހުންގެ ސިކިއުރިޓީއަށް އެދުނީ ވެސް."
އުމަރަށް "ގޭންގަކުން" މަރުގެ އިންޒާރު ދިން މައްސަލަ އޭނާ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފައ އެވެ. އަދި އެ މައްސަލާގައި އުމަރުގެ ޕްރައިވެޓް ސިކިއުރިޓީންނާ ފުލުހުން ސުވާލު ކުރަމުން އަންނަ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޭންގަކަށް ނިސްބަތްވާ ތިން މީހަކު ރޭ ދަންވަރު 1:00 ހާއިރު އޭނާގެ އޮފީސް ދޮށަށް ދިޔަ ކަމަށެވެ. އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި މީހުންނަށް ބިރު ދައްކައި އޭނާ އަށް ވަަޅިން ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެ މީހުން އެ ތަނުން ދިޔައީ ކަމަށް އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި އުމަރު ފާހަގަ ކުރެވިފައި ވަނީ ގޭންގްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެހެންވެ އެކަމުގެ ޕްރެޝަރާ ވެސް އެކި ފަހަރު މަތިން އޭނާ ކުރިމަތިލައްވަން ޖެހުނެވެ.