ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި، އެ މީހަކު ރަށްވެހިފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އެ ކަމަށްޓަކައި ރަޖިސްްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އީސީން އިއުލާން ކުރި ގޮތުގައި ވޯޓު ލުމަށްޓަކައި ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމަ އަށް ފުރުސަތު އޮންނާނެ އެވެ.

ރަޖިސްޓްރީ ކުރެވޭނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމް" ފުރާފައި ހުށަހެޅުމުންނެވެ. އީސީން ބުނި ގޮތުގައި ބާ ޖަމާލުއްދީންގައި ހިންގާ އެ ތަނުގެ އިންތިހާބީ މަރުކަޒުންނާއި ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލްތަކުން އެ ފޯމު ލިބޭނެ އެވެ. އަދި އެ ކޮމިޝަނުގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށް އީސީން ބުންޏެވެ.

އެ ތަންތަނުގެ އިތުރުން، ވިލިމާލޭ ފެރީ ޓާމިނަލްގައި ގާއިމުކުރާ މޯބައިލް ސްޓޭޝަނަށް ފޯމު ހުށަހެޅުމުން ވެސް ރެޖިސްޓްރީ ކޮށްދޭނެ އެވެ.

ފޯމާއެކު ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އަދި ފޯމު ހުށަހަޅަން ދާ މީހާ ވެސް، އެ ފަދަ ލިޔެކިޔުމެއްގެ އަސްލު ހުށަހެޅުމަށް އީސީން ބުންޏެވެ.

އީސީން ބުނި ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:30 އިން ހަވީރު 3:00 އަށް އަދި ބަންދު ދުވަސްތަކުގައި ހެނދުނު 9.30 އިން މެންދުރު ފަހު 3:00 އަށް ވަނީ ހުޅުވާލާފަ އެވެ.

ކުރީ އިންތިހާބެއްގައި އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓްރީ ކުރި ނަމަވެސް، މި އިންތިހާބުގައި ރަށްވެހިވެފައިވާ ނޫން ތަނެއްގައި ވޯޓުލާ ނަމަ އަލުން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ސިޔާސީ ޕާޓީތަކުން ވެސް މިހާރު އަންނަނީ އެކަމަށްޓަކައި ރަޖިސްޓްރީ ކޮށްދެމުންނެވެ.