ފެތުމުގެ ބޮޑު ދެ އިވެންޓުގައި 214 ބައިވެރިން
ފެތުމުގެ ބޮޑު ދެ އިވެންޓުގައި 214 ބައިވެރިން

ކ. ދިއްފުށީގައި މި މަހުގެ 20 އަދި 21 ގައި ބާއްވާ ގައުމީ އެކުއަތެލޯން މުބާރާތާއި ދިގު ފެތުމުގެ ގައުމީ މުބާރާތުގައި ޖުމްލަ 214 ފަރާތަކުން ބައިވެރިވެއްޖެ އެވެ.

މީގެ ތެރެއިން ދިގު ފެތުމުގެ 13 ވަނަ ގައުމީ މުބާރާތް ޝައުގުވެރި ބަދަލުތަކަކާ ދިއްފުށީގައި އޮންނާނީ ޖުލައި 20 ގަ އެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ 90 ފަރާތަކުންނެވެ. ފަސް ކިލޯމީޓަރު ފަތަން ޖެހޭ މުބާރާތުގެ ނެޝަނަލް ކެޓަރީގައި 25 ފިރިހެން ބައިވެރިންނާއި 12 އަންހެން ބައިވެރިންނާ އެކު 37 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ތިން ކިލޯމީޓަރު ފަތަން ޖެހޭ ޖޫނިއާ ނެޝަނަލް ކެޓަގަރީގައި އަށް ބައިވެރިން ބައިވެރިވެފައިވާއިރު އެއީ ފަސް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ. މި ބައިގެ ޗެމްޕިއަން ވެގެންދާނީ، ރާއްޖޭގެ ޖޫނިއާ ނެޝަނަލް އޯޕަން ވޯޓާ ޗެމްޕިއަނަށެވެ. މިއީ ރާއްޖޭގައި އެއްވެސް ކުޅިވަރެއްގައި ޖޫނިއާ ގައުމީ ޗެމްޕިއަނެއް ހޮވާ ފުރަތަމަ ފަހަރެވެ.

އެއް ކިލޯމީޓަރުގެ ސްވިމިން ޗެލެންޖް ކެޓަގަރީގައި ފިރިހެން 18، އަންހެން 14 ފެތުންތެރިން ބައިވެރިއިރު ޖުމްލަ އަދަދަކީ 32 ފެތުންތެރިންނެވެ. ކުޑަކުދިންގެ އިވެންޓުގުގައި ވާދަކުރާނީ 13 ކުދިންނެވެ. ފައްސަތޭކަ މީޓަރު ފަތަން ޖެހޭ މި އިވެންޓުގައި ބައިވެރިވީ ފަސް ފިރިހެން ކުދިންނާއި އަށް އަންހެން ކުދިންނެވެ.

ޖެހިގެން އަންނަ ޖުލައި 21 ގައި ދިއްފުށީގައި ބާއްވާ ގައުމީ ފުރަތަމަ އެކުއަތެލޯން މުބާރާތުގައި ބައިވެރިވެފައިވަނީ 124 ފަރާތަކުންނެވެ. އެކުއަތެލޯން އަކީ ފެތުމާއި ދުވުން ހިމެނޭ އިވެންޓެކެވެ. ގައުމީ ފެންވަރުގައި ބާއްވާ އެކުއަތެލޯން ފުރަތަމަ މުބާރާތުގައި އިންޑިވިޖުއަލް އަދި ޓީމް ކެޓަގަރީ ހިމެނޭ ސަބް ހަ ކެޓަގަރީ އޮންނާނެ އެވެ.

އިންޑިވިޖުއަލް ބައިގައި ހިމެނޭ ގައުމީ ކެޓަގަރީ 14 އަހަރުން މައްޗަށް ހުޅުވާލާފައިވާއިރު އޭގައި އޮންނާނީ 2.5 ކިލޯމީޓަރަށް ދުވުމާއި އެއް ކިލޯމީޓަރު ފެތުން އަދި 2.5 ކިލޯމީޓަރުގެ ދުވުމެވެ. މި ބައިގައި ބައިވެރިވެފައިވަނީ 24 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ.

ޖޫނިއާ ކެޓަގަރީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްފައިވާއިރު އޮންނާނީ 1.5 ކިލޯމީޓަރު ދުވުމާއި 750 މީޓަރު ފެތުން އަދި 1.5 ކިލޯމީޓަރު ދުވުމެވެ. ވާދަކުރަނީ 11 ފިރިހެން ބައިވެރިންނާއި 10 އަންހެން ބައިވެރިންނެވެ.

ކިޑްސް އެކުއަތެލޯން 10 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލާފައި އޮންނައިރު މި ކެޓަގަރީގެ ބައިވެރިން ޖެހޭނީ 200 މީޓަރަށް ފެތުމަށް ފަހު 500 މީޓަރަށް ދުވާށެވެ. މި ކެޓަގަރީގައި ވާދަކުރާނީ ފިރިހެން ހަތް ބައިވެރިންނާއި އަންހެން 12 ބައިވެރިންނެވެ.

ސީނިއާ ޓީމް ބައިގައި ފުރަތަމަ ކެޓަގަރީ ހުޅުވާލާފައިވަނީ 10 އަހަރާއި 14 އަހަރާ ދެމެދަށެވެ. ޖެހޭނީ ފުރަތަމަ 2.5 ކިލޯމީޓަރު ދުވުމަށް ފަހު އެއް ކިލޯމީޓަރަށް ފަތާފައި އަނެއްކާ ވެސް 2.5 ކިލޯމީޓަށް ދުވާށެވެ. ބައިވެރިވީ ފިރިހެން 10 ޓީމު (26 އެތުލީޓުން)، އަންހެން އެއް ޓީމު (ދެ އެތުލީޓުން) އެވެ. ޖޫނިއާ ޓީމް ކެޓަގަރީ ވެސް އޮތީ ހަމަ އެ އުމުރުފުރާއަށެވެ. އެކަމަކު މި ކެޓަގަރީގައި ޖެހޭނީ 1.5 ކިލޯމީޓަރު ދުވުމަށް ފަހު 750 މީޓަރަށް ފަތާފައި އަނެއްކާ ވެސް 1.5 ކިލޯމީޓަރު ދުވާށެވެ. މި ބައިގައި ވާދަކުރަނީ ފިރިހެން ފަސް ޓީމު (11 އެތުލީޓުން) އަދި އަންހެން ދެ ޓީމު (ފަސް އެތުލީޓުން) އެވެ.

ޓީމް ބައިގައި ދެން އޮންނާނީ ފެމިލީ ކެޓަގަރީ އެވެ. ދެ ޖިންސުގެ ބައިވެރިންނަށް ޓީމް ހަދައިގެން ބައިވެރިވެވޭއިރު އުމުރުފުރާއަކީ 10 އަހަރުން މައްޗެވެ. މި ކެޓަގަރީގައި އޮންނާނީ 2.5 ކިލޯމީޓަރު ދުވުމާއި އެއް ކިލޯމީޓަރު ފެތުމާއި 2.5 ކިލޯމީޓަރު ދުވުމެވެ. ބައިވެރިވަނީ ތިން ޓީމެވެ.

ދެ މުބާރާތް އެއް ހަފުތާ ބަންދެއްގައި އޮތުމުން ގިނަ ބަޔަކަށް ދެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ހަފުތާ ބަންދެއްގައި އާއިލާއާ އެއްކޮށް ދިއްފުށްޓަށް ގޮސް މުބާރާތެއްގައި ވާދަކޮށްލެވި ޗުއްޓީއެއް ހޭދަކޮށްލަން ފުރުސަތު ލިބިގެންދާނެ އެވެ.

މުބާރާތް ރާވައި އިންތިޒާމްކުރުމުގައި ސްވިމިން އެސޯސިއޭޝަނާ އެކު އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މާލޭ ފިޓްނަސް ކްލަބެވެ. މިއީ ރާއްޖޭގައި ދިގު ރާސްތާ ފެތުން ޕްރޮމޯޓްކުރުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތެކެވެ.