12 ޖުލައި 2018 - 13:01

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ތާރީޚު މި މަހުގެ 23 އަށް އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފި އެވެ.

އެ ކޮމިޝަނުން ކުރިން ހަމަޖައްސާފައިވާ ގޮތުން ސެޕްޓެމްބަރު، 23، ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ގޮތަށް އޮތީ މި މަހުގެ 15، އެވެ.
އެ ތާރީޚަށް ބަދަލު ގެނެސް ޖުލައި 23 ގައި ފުރުސަތު ހުޅުވާލަނީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ރިއާސީ ދައުރު ނިމޭ ތާރީޚާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން އެޓާނީ ޖެނެރަލްގެ ލަފާ ހޯދައި، ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. ޖުލައި، 23 އިން ފެށިގެން އޮގަސްޓު މަހުގެ 4 ވަނަ ދުވަހާ ހަމައަށް އިންތިޚާބަށް ކުރިމަތި ލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި، އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހަޅަން ހުޅުވާލުން ފަސްކުރަނީ، ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނަ އިރު، ޕީޕީއެމުން އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓަކީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ދެ ބޭފުޅުން އިތުރުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަރްމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ހުސައިން ޝުޖާއު އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުންގެ ނަންތައް ތަރުތީބުކޮށް އިއުލާން ކުރާނީ އޮގަސްޓް 18، ގަ އެވެ.
"އެހެންވީމަ އޮގަސްޓު 18 އިން ފެށިގެން ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވާލާނަން،" ޝަރީފް ވިދާޅުވި އެވެ.
ރަސްމީކޮށް ކެމްޕޭން ކުރަން ފުރުސަތު ހުޅުވާ ނުލި ނަމަވެސް ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ކެމްޕޭންތަކަށް އިލެކްޝަންސް ކޮމިޝަނުން ހިތްވަރުދީ، އެއްބާރުލުން ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ ކެމްޕޭންގައި ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ އެވެ. ކެމްޕޭން ހަރަކާތްތައް ހިންގުމުގައި، ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށްގެން ބާއްވާ ހަރަކާތްތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނަށް ފުލުހުން ދީފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް މިއަދު ވެސް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި މިހާތަނަށް އެންމެ ހުޅުވާލައިގެން ބާއްވާ އިންތިޚާބު ކަމަށެވެ. އިންތިޚާބު އޮބްޒާވްކުރަން ހުޅުވާލި ފުރުސަތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް، ކުރިމަތިލާފައިވާ ކަމަށް ވިދާޅުވި އެވެ.