13 ޖުލައި 2018 - 08:38

އަނިލް ކަޕޫރް، ދަރިފުޅު ސޯނަމް ކަޕޫރާ އެކު ކުޅުނު ފުރަތަމަ ފިލްމް "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ" ލަގާ ރިލީޒް ކުރަން ތައްޔާރުވަމުން އަންނަނިކޮށް ސައިފް އަލީ ޚާން އޭނާގެ ދަރިފުޅު ސާރާއާ އެކު ފިލްމެއް ކުޅޭނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމްގެ ޑައިރެކްޓަރަކީ 2012 ގައި "ފިލްމްސްތާން" ގެނެސްދިން ނިތިން ކައްކަރް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސައިފާއި ސާރާ އެކުގައި ފެނިގެންދާ ފިލްމަކީ މި ޒަމާނުގެ ބައްޕައަކާއި އަންހެން ދަރިއަކާ ދެމެދު އޮންނަ ގުޅުން މަޖާ ގޮތަކަށް ދައްކުވައި ދޭނެ ފިލްމެކެވެ.
އެކަމަކު މި ފިލްމާ ބެހޭ ގޮތުން ސައިފާއި ނިތިން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ނިތިން ގެނެސް ދިން ސްކްރިޕްޓާ ދޭތެރޭ ސައިފާއި ސާރާ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށްވެ އެވެ.
ސާރާ، 24، ބޮލީވުޑަށް ތައާރަފު ވާނީ އަންނަ ނޮވެމްބަރު މަހުގެ 30 ގައި ރިލީޒް ކުރާ އަބީޝެކް ކަޕޫރްގެ "ކެދަރްނާތު" އިންނެވެ. އަދި ޑިސެމްބަރު 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.
ސައިފްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ނެޓްފްލިކްސް މިހާރު ސްޓްރީމް ކުރަމުން އަންނަ އިރު، އޭނާގެ އެއްވެސް ފީޗާ ފިލްމެއް މި ވަގުތު ރިލީޒްވާކަށް ނެތެވެ. ކްރިޓިކުން ވަނީ "ސެކްރެޑް ގޭމްސް" ވަރަށް މޮޅު ކަމަށް ބުނެ އެއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.