31 ޖުލައި 2016 - 19:22

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލްގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މޯލްޑިިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ ބައްދަލުކޮށްފި އެވެ.
މިއަދު ހަވީރު މީޑިއާ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި، އެ ބިލް މަޖިލީހަށް ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދާއި ފޭދޫ ދާއިރާގެެ މެމްބަރު އިބްރާހިމް ދީދީ އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ ބައްދަލުވުމުގައި އެމްއެމްސީން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށާއި ކޮމެޓީ މަރުހަލާގައި ވެސް އެ ބިލާ ބެހޭ ގޮތުން އެމްއެމްސީގެ ބަސް އިއްވަން ފުރުސަތު ދެއްވާނެ ކަމަށް ޖައުފަރު ވިދާޅުވި ކަމަށް އެމްއެމްސީން ބުންޏެވެ. މިހާރު ބިލް އޮތް ގޮތަށް ފާސް ނުކުރައްވާނެ ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް ޖައުފަރު ވިދާޅުވި ކަމަށް ވެސް އެމްއެމްސީން ނެރުނު ބަޔާނެއްގައިވެ އެވެ.
އެ ބިލް އޮތްގޮތުން ނޫސްވެރިކަމަށް ހުރަސް އެޅި، ޚިޔާލު ފާޅު ކުރުމުގެ މިނިވަން ގެއްލޭތީ ނޫސްވެރިންނާއި ބައެއް ސިޔާސީ ޕާޓީތަކާއި ބޭރުގެ ޖަމާއަތްތަކުން ވެސް ދަނީ އެ ބިލަށް ފާޑު ކިޔަމުންނެވެ. އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ދަނީ އެ ބިލާ ދެކޮޅު ހައްދަވަމުންނެވެ.