14 ޖުލައި 2018 - 08:23

ފިލްމް "ދަ ޑާކެސްޓް އަވާ" އިން މި އަހަރު އޮސްކާ ހޯދި އިނގިރޭސި އެކްޓަރު ގެރީ އޯލްޑްމަން އާއި ޖެސިކާ އެލްބާ ތުރިލާ "ކިލާޒް އެނަނިމަސް" އަށް ސޮއިކޮށްފި އެވެ.
ލަންޑަނުގައި ޝޫޓް ކުރާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޓޮމީ ފްލެނެގަން، ސެމް ހެޒެލްޑިން، ރިޔޯން ނިކޯލް ބްރައުން، މައިކަލް ސޯޗާ، އެލިޒަބަތު މޮރިސް އަދި އީޒްބެލް އެލެން ހިމެނެ އެވެ.
ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ މި ފިލްމުގެ ޑައިރެކްޓަރަކީ ލެޓް ބީ އިވިލް (2016) ގެ ޑައިރެކްޓަރު މާޓިން އޮވެން އެވެ. މިއީ އޭނާގެ ތިން ވަނަ ޑައިރެކްޝަނެވެ. ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އޮވެން އާއި އެލިޒަބަތު މޮރިސްގެ އިތުރުން ސެތު ޖޯންސަން އެވެ.
"ކިލާޒް އެނަނިމަސް" ގެ ޕްރޮޑިއުސަރު މެޓް ވިލިއަމް ބުނީ އެ މީހުންގެ ޓާގެޓަކީ ބެލުންތެރިންގެ މެދުގައި ކަލްޓް ކްލަސިކެއްގެ ގޮތުގައި ލޭބަލްވެގެން ދާނެ ކަހަލަ ފިލްމެއް މި ފަހަރު ގެނެސް ދިނުން ކަމަށެވެ.
އެގޮތުން ފިލްމްގެ މުޅި ޓީމަށް ބަލާ އިރު، ބެލުންތެރިން ސިއްސުވައިލާ ވަރުގެ ފިލްމެއް ގެނެސް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުންޏެވެ.
މެޓް ބުނި ގޮތުގައި ގެރީ، 60، ފަދަ ހުނަރުވެރި އަދި އެހާމެ މޮޅު އެކްޓަރަކު ފިލްމްގެ ކާސްޓާ ގުޅުމަކީ މިއަށް ލިބޭނެ ވަރަށް ބޮޑު ފުރިހަމަ ކަމެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ނެޓްފްލިކްސް އިން ޖޫން މަހު ގެނެސް ދިން ސައިންސް ފިކްޝަން ތުރިލާ "ޓައު" އިންނެވެ.
ގެރީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޮކްޓޯބަރު 26 ގައި ރިލީޒް ކުރާ އެކްޝަން ތުރިލާ "ހަންޓާ ކިލާ" އިންނެވެ.
"ކިލާޒް އެނަނިމަސް" ގެ ކާސްޓާ ގުޅުނު ޖެސިކާ، 37، ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސްޕެކްޓްރަމްގެ ޓީވީ ސިލްސިލާ "އެލްއޭ އިޒް ފައިނެސްޓް" އިންނެވެ.