12 ޖުލައި 2018 - 10:48

މޮސްކޯ (ޖުލައި 12) - ވޯލްޑް ކަޕް ފައިނަލުގައި ފްރާންސާ ދެކޮޅަށް ނުކުންނައިރު މީގެ 20 އަހަރު ކުރިން އެ ޓީމު އަތުންވީ ބަލީގެ ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށް ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.
ކްރޮއޭޝިއާ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަކުރީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަަހަރު އެ ޓީމުން ވަނީ ގިނަ ބަޔަކަށް ހައިރާންކަން ގެނައުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ކްރޮއޭޝިއާ އަށް މުބާރާތް ނިމުނީ ސެމީ ފައިނަލުގައި 2-1 އިން ފްރާންސް އަތުން ބަލިވުމުންނެވެ.
ވޯލްޑް ކަޕް ސެމީ ފައިނަލުގައި ރޭ އިންގްލެންޑް ބަލިކޮށް ކްރޮއޭޝިއާ ވަނީ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދައިފަ އެވެ. ޑާލިޗް ބުނީ މިހާތަނަށް ބެލިކަމުގައި ވިޔަސް ކްރޮއޭޝިއާގެ މި ޓީމުން މި ވަނީ ތާރީހުގައި ލިޔެވޭފަދަ ކާމިޔާބެއް ހޯދާފައި ކަމަށާއި މި ހިސާބަށް އައިސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"ކްރޮއޭޝިއާގެ ފުޓްބޯޅަ އަށް ބަލާއިރު މިއީ ތާރީހުގައި ލިޔެވޭނެ ކާމިޔާބެއް. ފައިނަލަށްދާއިރު އަހަރެމެން ފޭވަރިޓުންނަށް ނުވެދާނެ. އެކަމަކު އަހަރެމެން ފަހަތަށް ނުޖެހޭނަން. ކޮންމެ މެޗަކަށް ވެސް ނުކުތް ފަދަ ފުރިހަމަ ތައްޔާރީއާ އެކު ނުކުންނާނީ،" ޑާލިޗް ބުންޏެވެ.
ކްރޮއޭޝިއާ އިން ފްރާންސާ ދެކޮޅަށް ނުކުންނާނީ 1998 ވަނަ އަހަރު ބަލިވި ބަލިވުމުގެ ބަދަލު ހިފުމަކަށްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑާލިޗް ވަނީ އެއީ މާ ބޮޑު ސަމާލުކަމެއްދޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
"އެއީ 20 އަަހަރު ކުރީގެ ވާހަކައެއް. މިހާރު މި އޮތް ޓީމު ނުކުންނާނީ އެ ކުޅުންތެރިންގެ ހަޔާތުގެ ބޮޑު މެޗަށް. ކުރިން ވެފައިވާ ކަމެއްގެ ބަދަލު ހިފާކަށެއް ނޫން،" ޑާލިޗް ބުންޏެވެ.
ކްރޮއޭޝިއާ އަކީ 1950 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނު އުރުގުއޭ އަށް ފަހު ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭ އެންމެ މަދު އާބާދީ އަކަށް ނިސްބަތްވާ ގައުމެވެ. ކްރޮއޭޝިއާގެ އާބާދީ އަކީ ހަތަރު މިލިއަން އެވެ.
މީގެ ކުރިން ވޯލްޑް ކަޕެއްގައި ނޮކައުޓް ތިން މެޗު އިތުރު ވަގުތު ކުޅުނީ 1990 ވަނަ އަހަރުގެ މުބާރާތުގައި އިންގްލެންޑް އެވެ. އެ ފަހަރު އިންގްލެންޑް ޕެނަލްޓީ ޖަހައިގެން ސެމީ ފައިނަލުން ބަލިވީ އެވެ. މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ބުރުގައި ކްރޮއޭޝިއާ ކުޅުނު ތިން މެޗު ވެސް ވަނީ އިތުރު ވަގުތަށް ގޮސްފަ އެވެ. އަދި އޭގެ ތެރެއިން ދެ މެޗުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ރޭގެ މެޗުގެ ކުރިން އިންގްލެންޑުގެ މީޑިއާ އިން ކްރޮއޭޝިއާ ކުޅުންތެރިން ތިބޭނީ ވަރުބަލިވެފައިކަމަށް ބުނެ ތަފާތު ވާހަކަތަކެއް ދެކެވުނުއިރު، މެޗަށް ފަހު ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ބުނީ އެ ވާހަކަތަކުން ކްރޮއޭޝިއާ އަށް ލިބުނީ އިތުރު ހިތްވަރެއް ކަމަށެވެ.
އަންނަ އާދިއްތަ ދުވަހު ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅޭއިރު އެހާތަނަށް ކްރޮއޭޝިއާ ކުޅުންތެރިން ފުރިހަމަ އަށް މެޗަށް ތައްޔާރުވާނެ ކަމަށް މޮޑްރިޗް ވަނީ ބުނެފަ އެވެ.