ނަޝީދަށް އިންޒާރު ދިނީ ޓްވިޓާ އެކައުންޓް ހެކް ކޮށްގެން: ފެނަކަ
ނަޝީދަށް އިންޒާރު ދިނީ ޓްވިޓާ އެކައުންޓް ހެކް ކޮށްގެން: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ ޓްވިޓާ އެކައުންޓުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދީ ޓްވީޓްކުރީ އެ އެކައުންޓް ހެކްކޮށްގެން ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

ނަޝީދަށް އިންޒާރު ދިނީ ޓްވިޓާ އެކައުންޓް ހެކް ކޮށްގެން: ފެނަކަ
ނަޝީދަށް އިންޒާރު ދިނީ ޓްވިޓާ އެކައުންޓް ހެކް ކޮށްގެން: ފެނަކަ

ނަޝީދު މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި، ލަމްއާންގެ އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ނަޝީދު އަވަހާރަކޮށްލުމަށް މުސްލިމް އުއްމަތަށާއި ކަމާ ބެހޭ އިދާރާތަކަށް ގޮވައިލާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވާތީ އެވެ.

ނަޝީދުގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ ޝަހީމަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތަށް މީހުން ވައްދަން އުޅުއްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެއްވޭ ބޭފުޅެއް ކަމަށެވެ. ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރު، ޝަހީމަށް މަރުހަބާ ދެންނެވުމަކީ ރާއްޖޭގައި ހަރުކަށި، ފިކުރުތައް އޮންނަން ބޭނުންވާ ކަމުގެ ހެއްކެއް ކަމަށް ނަޝީދުގެ އެޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓްވީޓްކޮށްފައިވަނީ ލަމްއާންގެ އެކައުންޓް ހެކްކޮށްގެން ކަމަށެވެ. އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އަދި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ ލަމްއާން، މިއަދު ވަނީ އޭނާގެ ޓްވިޓާ އެކައުންޓް އަނބުރާ ލިބިފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކޮށްފަ އެވެ. އަދި ސައިބާ ކްރައިމްގެ ކަންކަން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ ބޮލުގައި "ޓަކިޖަހާނެ" ކަމަށް ބުނެ ޓްވީޓް ކުރި، ޖުމްހޫރީ ޕާޓީގެ އެކްޓްވިސްޓެއްގެ ފޯން ފުލުހުން ދާދި ފަހުން ވަނީ އަތުލައިފަ އެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ އޭނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާ ކަމަށް ބުނެފައިވަނިކޮށެވެ.

އިދިކޮޅު މީހުން ކޮށްފައިވާ ޓްވީޓުތަކާ ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ އެތައް ބައެއްގެ ފޯންތައް އަތުލައި އެ މައްސަލަތައް ތަހުގީގްކޮށްފަ އެވެ. އަދި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެސް ވެ އެވެ.

ދިރާގުގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ، ސޯޝަލް މީޑީއާގައި ރައީސް ނަޝީދަށް ބަދު ދުއާ ކުރި މައްސަލައެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ.