އެކްޓަރު ރިތޭޝް ދޭޝްމުކް ސިޔާސީ ދާއިރާ އަށް ނުކުންނަނީ
އެކްޓަރު ރިތޭޝް ދޭޝްމުކް ސިޔާސީ ދާއިރާ އަށް ނުކުންނަނީ

ބޮލީވުޑްގެ އެކްޓަރު ރިތޭޝް ދޭޝްމުކް ވެސް ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމައި އަންނަ އަހަރު ބާއްވާ ލޯކް ސަބާ އިންތިހާބުގައި ވާދަކުރަން ނިންމައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ 39 އަހަރުގެ އެކްޓަރު ލޯކް ސަބާ އަށް ވާދަ ކުރާނީ އޭނާ ނިސްބަތްވާ ލަތޫރް ދާއިރާގެ ގޮނޑި އަށް، އިދިކޮޅު ކޮންގްރެސް ޕާޓީގެ ޓިކެޓްގަ އެވެ.

މިހާރު ވެސް ފިލްމްތަކެއްގެ މަސައްކަތުގައި އުޅެމުން އަންނަ ރިތޭޝް ސިޔާސީ އަށް ދާއިރާ އަށް އަންނަ އަހަރު ރަސްމީކޮށް ނުކުންނާނެ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ރިތޭޝް 2016 ގައި ދިން އިންޓަވިއުއެއްގައި ވަނީ ސިޔާސީ ދާއިރާ އިން އޭނާ ނުފެންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާގެ އާއިލާއަކީ ސިޔާސީ އާއިލާއެކެވެ. ރިތޭޝްގެ ބައްޕަ އަދި 2012 ގައި މަރުވެފައިވާ ވިލަސްރާއޯ ދޭޝްމުކްއަކީ ކޮންގްރެސް ޕާޓީގެ ވެރިކަމުގައި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް އަދާކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ހިމެނެ އެވެ.

ވިލަސްރާއޯ އަދާކުރި އިތުރު މަގާމުތަކުގެ ތެރޭގައި ސައިންސް އެންޓް ޓެކްނޮލޮޖީ މިނިސްޓަރުކަމާއި އާތު ސައިންސް މިނިސްޓަރުކަމާއި މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒެސް މިނިސްޓަރުކަމާއި އަދި ހެވީ އިންޑަސްޓްރީޒް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް މިނިސްޓަރުކަން ހިމެނެ އެވެ.

ބައްޕައާ އެއްގޮތަށް ސިޔާސީ ދާއިރާ އިން ރިތޭޝް ނުފެންނާނެ ކަމަށް ބުނި ނަމަވެސް، ދޭތެރެ ދޭތެރެ އިން އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެދާނެ ކަމުގެ އަޑުތަކެއް މީޑިއާތަކަށް ތިލަވެ އެވެ.

ބަތަލާ ޖެނެލިއާ ޑި ސޫޒާއާ ކައިވެނިކޮށް މިހާރު ދެ ދަރިން ވެސް ތިބި ރިތޭޝް ދެން އެންމެ އަވަހަށް
ފެނިގެން ދާނީ ޑިސެމްބަރު 7 ގައި ރިލީޒް ކުރާ "ޓޯޓަލް ދަމާލް" އިންނެވެ.

ކޮމެޑީ ރޯލްތައް ކުޅެގެން އާންމުންގެ މަގުބޫލުކަން ހޯދި އެކްޓަރު މިހާރު އަންނަނީ އަންނަ އަހަރު ދިވާލީގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ހައުސްފުލް 4" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކްޓް ކުރުމުގެ އިތުރުން ރިތޭޝްއަކީ މިހާރު ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާ އާންމުކޮށް ޕްރޮޑިއުސް ކުރަނީ މަރާޓީ ފިލްމްތަކެވެ.