11 ޖުލައި 2018 - 16:00

ބެންކޮކް (ޖުލައި 11) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތް ކުރުމުގައި އެމެރިކާގެ ބިލިއަނަރު އީލޮން މަސްކް ވަނީ އެކި ގޮތް ގޮތުން އެހީތެރިވެ ދީފަ އެވެ. އޭނާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ އިންޖިނޭރުން ވަނީ އެ ކުދިން ސަލާމަތް ކުރުމުގައި އެހީތެރިވުމަށް ތައިލެންޑަށް ފޮނުވައިފަ އެވެ. އެންމެ ފަހުން އީލޮން މަސްކު ވެސް ވަނީ ކުޑަ ސަބްމެރިންނެއް ހިފައިގެން ހޮހަޅަ އަށް ޒިޔާރަތްކޮށްފަ އެވެ.

އޭނާ ހޮހަޅަ އަށް ޒިޔާރަތް ކުރި އިރު ވަނީ އަށް ކުދިން ސަލާމަތްކޮށްފަ އެވެ.
ފޮޓޯއަކާ އެކު އީލޮން މަސްކް އިންސްޓްގްރާމް ކުރި މެސެޖެއްގައި ވަނީ ހޮހަޅައިގެ ކޭމްޕް ތިނަކަށް އޭނާ ޒިޔާރަތް ކުރި ކަމަށް ބުނެފަ އެވެ.
"ބޭނުންވެއްޖެ ނަމަ މިނީ-ސަބްމެރިން އޮތީ ތައްޔާރަށް. އެ ސަބްމެރިން ތައްޔާރުކޮށްފައި ވަނީ ރޮކެޓުގެ ބައިތަކުން. ސަބްމެރިންނަށް ދީފައިވާ ނަމަކީ ވައިލްޑް ބޯސް. ކުރިމަގުގައި ބޭނުން ކުރަން ޖެހިއްޖެ ނަމަ ބޭނުން ކުރަން ސަބްމެރިން ހޮހަޅައިގައި ކައިރީގައި ބާއްވާފައި ވަނީ،" އީލޮން މަސްކްގެ މެސެޖުގައި ބުނެފައިވެ އެވެ.
ހޮހަޅައިގެ ކޭމްޕް 3 ނުވަތަ ކޭވް 3 ވަނީ ހޮހަޅަ އަށް ވަންނަ މައި ސަރަހައްދުން ފެށިގެން ދެ ކިލޯ މީޓަރު (1.2 ކިލޯ މީޓަރު) ދުރުގަ އެވެ. ތައި ރެސްކިއު ޓީމުތަކުގެ ބޭސް ގާއިމްކޮށްފައި ވަނީ ވެސް ކޭވް 3 ގަ އެވެ. ފުޓުބޯޅަ ޓީމު ތާށިވެފައި ތިބީ ކޭވް 3 އިން ފެށިގެން ދެ ކިލޯ މީޓަރު އެތެރޭގަ އެވެ.
އީލޮން މަސްކުގެ ހަދިޔާ ކުރި ސަބްމެރިންގެ ބޭނުން ކުރެވޭ ގޮތް ނުވި ނަމަވެސް ރެސްކިއު މިޝަންގެ ކޮމާންޑަރު ނަރޮންގްސަކް އޮސޮތަނަކޯން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"އީލޮން މަސްކް ގެނައި ސަބްމެރިން އަކީ އަޅުގަނޑުމެންގެ މިޝަންގައި ބޭނުން ކުރަން ޕްރެކްޓިކަލް އެއްޗެއް ނޫން. އެއީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް މޮޅު އިކްއިޕްމަންޓެއް ނަމަވެސް ހޮހަޅައިގެ ހަނި ދޭތެރެތަކުން ގެންދިއުމަށް ފިޓްވާނެ އެއްޗެއް ނޫން،" ނަރޮންގްސަކް ވިދާޅުވި އެވެ.
ހޮހަޅައިގައި ތާށިވި ކުދިން ފެނުމާ ގުޅިގެން ޖުލައި 4 ވަނަ ދުވަހު އީލަން މަސްކް ކުރި ޓްވީޓެއްގައި ވަނީ އެ ނައިލޯން ޓިއުބެއް ހޮހަޅައަށް ވައްދައިގެން ކުދިން ނެރެން ނުވަތަ މިނީ ކެޕްސޫލެއްގައި ކުދިން ނެރުމުގެ ޚިޔާލު ދީފަ އެވެ. އެންމެ ފަހުން އޭނާ ވަނީ ސްޕޭސް އެކްސްގެ ފެލްކަން ރޮކެޓުގެ ބައިތަކުން މިނީ ސަބްމެރިންއެއް ހަދައި ޕޫލެއްގައި ޓެސްޓްކުރާ މަންޒަރު އާއްމުކޮށްފަ އެވެ.