12 ޖުލައި 2018 - 06:49

ތުއްތު ކުދިންގެ ކޮންމެ ހަރަކާތަކާއި ކޮންމެ އަޑަކަށް މައިންބަފައިން ތިބެނީ ފުރިހަމައަށް ސަމާލުވެގެންނެވެ. އެކަމަށް ފަސޭހަ ކުރުމަށް ތަފާތު ފެންވަރުގެ މޮނީޓަރުތައް ހަދާފައި ވެސް އެބަހުއްޓެވެ. އަޑު އިއްވައިދޭ މޮނީޓަރާއި އަޑާއި މަންޒަރާއި އެކު ފެންނަ މޮނީޓަރު ބާޒާރުގައި ވިއްކަން އެބަހުއްޓެވެ.
މިކަހަލަ މޮނީޓަރުތައް ހުންނަނީ ވަކި ދުރުމިނެއްގައި ބަހައްޓާފައެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު، ގައިގަ ތަތްކުރާ މޮނީޓަރު ވެސް މިހާރު މަދުމަދުން ފެނެއެވެ. މޭރީ ވެއާރަބަލް ވައިޓަލް މޮނީޓަރަކީ މިކަމަށް އެންމެ އެކަށޭނަ އުފެއްދުމެވެ.
ހެދުމުގައި ތަތްކުރާ ގޮތަށް އުފައްދާފައިވާ މި މޮނީޓަރު ފަރުމާކޮށްފައިވަނީ ލޭޑީބާޑެއްގެ ބައްޓަމާއި ސިފަ އާއި ކުލަތަކުންނެވެ. މަޑު ފޮތިކޮޅެއް ގޮތަށް މި ލޭޑީބާޑް ފެނުނަސް މީގެ ދަށުގައިވާ ސެންސަރުތަކުން ކުޑަ ދަރިފުޅުގެ ނޭވާލުމާއި އެނދުގައި ފުރޮޅި، ހެލިފެލިވެ އުޅުމާއި ގައިގެ ފިނިހޫނުމިން ވެސް ބަލައިދެއެވެ. ލޭޑީބާޑް މޮނީޓަރ ތަތްކުރެވޭނީ އެކަމަށް ޚާއްސަ ފޮތީގައި ފަރުމާކޮށްފައިވާ ނިދާ ހެދުމެއްގައެވެ. ނިދާފައި އޮންނަ އިރާއި ހޭލާ ހުންނައިރު ވެސް މި މޮނީޓަރުން ކުއްޖާގެ ހާލަތު ވަޒަންކުރަމުންދާނެއެވެ. ޚާއްސަކޮށް ބަލިވެ، ހުން އައިސްފައިވާ ނަމަ ކުއްޖާގެ ފިނިހޫނުމިނާއި ހަރަކާތްތައް ދެނެގަތުމުގައި މޭރީ އަދާކުރާ ދައުރު ވަރަށް މުހިއްމެވެ.
މޭރީ މޮނީޓަރ 30 މިނިޓްތެރޭ ޗާޖުކޮށް، 4 8ގަޑިއިރު ވަންދެން ބޭނުންކުރެވެއެވެ. މީގެ ސެންސަރުތަކުން ނަގާ މައުލޫމާތު ވަގުތުން ވަގުތަށް ބްލޫޓޫތުން ފޮނުވައިދެނީ މޭރީގެ ޗާޖުކުރާ ބުޑުގަނޑަށެވެ. އެހިސާބުން އެ މައުލޫމާތު ދެން ދާނީ މޭރީ އެޕް އަޅާފައިވާ ސްމާޓްފޯނަށެވެ. ނުރައްކާތެރި ހާލަތެއް ނަމަ ވަގުތުން ފިޔަވަޅު އެޅޭނެއެވެ. މިއީ އެންމެ ތުއްތު އުމުރުން ފެށިގެން 10 އަހަރާ ހަމައަށް ބޭނުންކުރެވޭނެ، ސިއްހީ ހާލު ވަޒަންކުރާ މޮނީޓަރެކެވެ.