12 ޖުލައި 2018 - 06:50

އާއިލާ އާއި ލޯބިވެރިޔާއާ އެކު ކެލިފޯނިއާގެ ލެގޫނާ ބީޗްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިންސްޓަގްރާމް މޮޑެލްއަކު މިޔަރުތަކާ އެކު މޮޅު ގޮތްގޮތަށް ފޮޓޯނަގަން އުޅެނިކޮށް މިޔަރެއް ހަމަލާ ދީފި އެވެ.

ކެޓެރީނާ ޒަރުސްކީ، 19، ބޭނުންވީ އިންސްޓްގަރާމަށް ލާން މިޔަރުތަކާ އެކު ފޮޓޯއެއް ނަގާށެވެ. އެކަން ފުރަތަމަ ފަސޭހަ ކަމަކަށް ވިޔަސް، ވަކި ހިސާބަކުން މިޔަރުބައިގަނޑު ވަނީ އޭނާ އަށް ހަމަލާ ދީފަ އެވެ.

އެންބީސީ ނިއުސް އަށް ކެޓަރީނާ ކިޔައި ދިން ގޮތުގައި އޭނާ އަށް މިޔަރު ހަމަލާ ދިނީ ލޯބިވެރިިޔާގެ އެހީގައި ފޮޓޯ ނަގަން އުޅުމުގެ ތެރޭގަ އެވެ.
އޭނާ ކިޔައިދިން ގޮތުގައި ކައިރީގައި އުޅުނު މިޔަރުތަކުގެ ތެރެއިން މިޔަރެއް އެންމެ ފުރަތަމަ އޭނާގެ ކަނާތުގައި ދައިގަނެ، އަޑިއަށް ދަމައިގަތީ އެވެ. މި ހާދިސާއާ ހިނގުމާ އެކު ކެޓެރީނާ ވަގުތުން ސަލާމަތްކޮށް، ކައިރީގައި ހުރި ކްލިނިކަކަށް ގެންގޮސް ފަރުވާ ދިނެވެ. ފަހުން ފްލޮރިޑާގައި ވެސް ފަރުވާ ދިނެވެ.
"އަހަރެން އެއްވެސް ވަރަކަށް ބިރެއް ނުގަނޭ މިޔަރުތަކާ އެކު އުޅޭކަށް. ވަރަށް ކުޑައިރުއްސުރެ ވެސް ސާފް ކުރަން އާދަވެފައި ހުރީމަ މޫދަށް އަބަދު ވެސް ވަރަށް ފަރިތަ،" ކެޓެރީނާ ބުންޏެވެ. "އެކަމަކު މިޔަރު ހަމަލާ ދިން ހިސާބުން ވަރަށް ބޮޑަށް ބިރުގަނެފައި މި ހުންނަނީ."
އޭނާ ބެލި ޑޮކްޓަރު ބުނި ގޮތުގައި މިޔަރު ދަތް އެޅުމުގެ ސަބަބުން ދަތުގެ އެތިކޮޅުތައް އޭނާގެ އަތަށް ހުރީ ހެރިފަ އެވެ. އަދި އަތަށް ލިބުނު ޒަހަމްގެ ލައްގަނޑު ވެސް ނުފިލާނެ ކަމަށް ޑޮކްޓަރު ބުންޏެވެ.
"އެންމެ އުފާވި ކަމަކީ އަހަރެންގެ އަތް ސަލާމަތް ކުރެވުނީމަ. މިއީ ވަރަށް ބޮޑު ނަސީބެއް،" މަޔާމީ ޔުނިވަސިޓީގައި ނަރުސްކަން ކިޔަވަމުން އަންނަ ކެޓެރީނާ ބުންޏެވެ.