އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރާނަން: ރައީސް
އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރާނަން: ރައީސް

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުން އަންނަ 5،000 ރުފިޔާގެ އިނާޔަތް ބޮޑުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު މ. ކޮޅުފުށީގައި ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އުމުރުން ދުވަސްވީ މީހުންނަށް ދޭން ފެށި 2،000 ރުފިޔާ، 5،000ރ. އަށް ބޮޑުކުރީ މި ސަރުކާރުންނެވެ. މި އިނާޔަތް 5،000 ރުފިޔާ އަށް ވުރެ ބޮޑު ކޮށްދެއްވާނެ ކަމަށް، ރައީސް ޔާމީން އިއްޔެ އާއި މިއަދު މިވަނީ ވައުދުވެވަޑައިގެންފަ އެވެ.

މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ކޮޅުފުއްޓަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދޭ ގިންތިތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ. އެ ވިސްނުމާއެކު، މިހާރު ދެމުން އަންނަ އިނާޔަތްތައް ބޮޑުކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެ އަދަދު [ބޮޑުކުރާ އަދަދު] އަޅުގަނޑަށް ނުދެންނެވިގެން މި އުޅެނީ ހިސާބުތަކެއްގެ ތެރޭގައި އުޅޭތީވެ. އެހެން ނަމަވެސް އެއީ، [އިނާޔަތް ބޮޑުކުރުމަކީ] ކަށަވަރު ކަމެއް. އެކަން އަޅުގަނޑުމެން ހަމަޖައްސާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އަންހެނުންނާއި ޒުވާނުންނަކީ ވެސް މި ސަރުކާރުން އިސްކަންދޭނެ ބައެކެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ހުށަހަޅާ މެނިފެސްޓޯގައި ވެސް އެ އުމުރުފުރާތަކަށް ޚާއްސަކޮށް ކަންތައްތަކެއް ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީ އާއި ކުރިއެރުމަށް ރައްޔިތުން ބޭނުންވާ އިރު، އެ ކަންކަން ކުރެވޭނީ ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނެވިގެން ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު، 23 ގައި އޮންނަ ރިޔާސީ ވޯޓާ މެދު ރައްޔިތުން ވިސްނައި، ތަރައްގީ އާއި ހަމަޖެހުމަށް ޖާގަ ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނު ވާދަ ކުރައްވާއިރު، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައްޔިތުން އެ މަނިކުފާނު ހޮއްވަވައިފި ނަމަ މި ފަސް އަހަރުގެ ދައުރަށް ވުރެ އެތައް ގުނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވައިދެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެ މަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާކަން، ސިއްހީ ދާއިރާ އަށް އައި ކުރިއެރުންތަކާއި ބްރިޖް ފަދަ މަޝްރޫއުތަކުން ރައްޔިތުންނަށް ސާފުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.