13 ޖުލައި 2018 - 08:39

ކަރަން ޖޯހަރް 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" ބެލި ގިނަ މީހުން އެންމެ މާޔޫސްވި އެއް ކަމަކީ އެ ފިލްމްގައި އައިޝްވާރިޔާ ރާއީ ކުޅުނު ރޯލް ކުޑަކަމުންނެވެ. ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅުނު ފިލްމްގައި އޭނާގެ ރޯލް ކުޑަޔަސް، އެ ކެރެކްޓާ ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
ސަބާ ތާލިޔަރް ހާންގެ ރޯލަށް އައިޝްވާރިޔާ ގެނެސްދިން ފަރިކަމާއި ޗާލޫކަމުން ބެލުންތެރިން އެ ފަހަރު ހިތްފުރޭ ވަރު ނުވިޔަސް، އޭނާގެ ކުރިއަށް އޮތް ފިލްމުން އެހެން ނުވާނެ ކަމަށް ކުރެވުނު އުންމީދު ވެސް މިހާރު ވަނީ ފެނަށްވެފަ އެވެެ.
ޑީއެންއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ ތިނެއްގައި ރިލީޒް ކުރާ "ފެނީ ހާން" ގައި އައިޝްވާރިޔާ ފެނިގެން ދާނީ ގާތްގަނޑަކަށް 15-20 މިނިޓާ ދޭތެރޭގެ ވަގުތުކޮޅަކަށެވެ. އޭގެ ތެރޭގައި ދެ ލަވައަކާއި ރާޖްކުމާރް ރާއޯއާ އެކު ފެނިގެންދާނެ ކުރުކުރު ލޯބީގެ ބައެއް ހިމެނެ އެވެ.
އަތުލް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ އެންމެ މުހިއްމު ތަރިއަކީ އަނިލް ކަޕޫރެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ދިވްޔާ ދައްތާ ވެސް ހިމެނެ އެވެ.
"ފެނީ ހާން" ގައި އައިޝްވާރިޔާގެ ރޯލް ކުރުވިޔަސް، އޭނާގެ ކެރެކްޓާއަކީ ފިލްމްގެ ވާހަކައިގެ ވަރަށް މުހިއްމު ބައެކެވެ. އޭނާ ފެނިގެން ދާނީ ވަރަށް ވެސް ފަރި އެހާމަ މަޝްހޫރު ސެލެބްރިޓީއެއްގެ ގޮތުގަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އައިޝްވާރިޔާ ވަރަށް ސްޓައިލިޝްކޮށް ފިލްމުން ފެނިގެން ދާނެ ކަމެވެެ. ޓްރެއިލާ އިން ވެސް އެކަން އެނގެ އެވެ.
މީގެ ކުރިން އައިޝްވާރިޔާ ވަނީ ފިލްމެއްގައި ކުރު ރޯލެއް ކުޅެން ޖެހުމަކީ އޭނާ އަށް މައްސަލައެއް ނޫން ކަމަށް ބުނެ އެވެ. އަދި ކުޅެން ލިބޭ ކެރެކްޓާގެ ދިގު މިނަށް ވުރެ ބޮޑަށް ބަލާ ކަމަކީ ލިބޭ ކެރެކްޓާއެއްގެ މުހިއްމުކަމާއި އޭގެ ވަރުގަދަކަން ކަމަށް ބުންޏެވެ.
ޔަގީންވާ ކަމަކީ "ފެނީ ހާން" އަކީ އައިޝްވާރިޔާގެ ރީތިކަމާއި މޮޅު އެކްޓިންގެ ޖާދޫގައި ބެލުންތެރިން ޖައްސައިލާނެ ފިލްމެއް ކަމެވެ. ފިލްމަށް އިންތިޒާރު ކުރަމާ ހިނގާށެވެ.