11 ޖުލައި 2018 - 18:27

އެމެރިކާގައި މިހާރު ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ކުރީގެ ބަތަލާ ސޮނާލީ ބެންޑްރޭގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފި އެވެ.
އޭނާ ވަނީ ސެލޫނެއްގައި ބޯ ކޮށާލި ވީޑިއޯ ފޭނުންނާ ހިއްސާކޮށްފަ އެވެ. ދިގު އިސްތަށިގަނޑު ކޮށައިލަން ޖެހުމުން ސޮނާލީ ފެންކަޅިވާ ތަން ވީޑިއޯ އިން ފެނެ އެވެ.
ސޮނާލީ ބޯ ކޮށައިލި އިރު، އޭނާ މިހާރު އަންނަނީ ކީމޯތެރަފީ ފަރުވާ ވެސް ނަގަމުންނެވެ. މި ފަރުވާއާ އެކު އިސްތަށިތައް ފައިބަ އެވެ.
އުމުރުން 43 އަހަރުގެ ސޮނާލީއަކީ އަބަދުވެސް ވަރަށް ރީތި ފަން ދިގު އިސްތަށިގަނޑެއް އޮންނަ ބަތަލާ އެވެ. ބޯ ކޮށައިލުމަށް ފަހު، ހުރި ގޮތް ސޮނާލީ ވަނީ ދިގު ބަޔާނަކާ އެކު އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ބައްޔެއްގެ ޝިކާރައަކަށް ވިޔަސް ހިތްވަރު ދޫކޮށެއް ނުލަ އެވެ.
އަދި އެތައް ބަޔަކު އޭނާއާ އެކުގައި ތިބިކަން ގަބޫލުކުރާ ކަމަށާއި އެންމެންގެ ހެޔޮދުއާ އެކު މި ހަނގުރާމައާ ކުރިމަތިލެވޭނެ ކަމަށް ބުންޏެވެ. އަދި ހިތްވަރު ދޭ އެތައް ބަޔަކަށް ސޮނާލީ ވަމީ ތަކުރާރުކޮށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
"ހައި ގްރޭޑް" ކެންސަރަކަށް ފަރުވާ ހޯދާކަން ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާ އިއުލާންކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއާއެކޮޅު މުޅި ބޮލީވުޑްހެން އޭނާ އަށް ހިތްވަރު ދީ ޓްވީޓްކޮށްފައިވެ އެވެ.
ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން ސޮނާލީގެ 12 އަހަރުގެ ފިރިހެން ކުއްޖަކު ވެސް އެބަ ހުއްޓެވެ.