12 ޖުލައި 2018 - 06:52

ބޮލީވުޑުން މިހާރު އެއްކޮށްހެން ގެއްލިފައިވާ ކުރީގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ޕްރިތީ ޒިންތާ އާއި އަމީޝާ ޕަޓޭލްގެ ފިލްމެއް އަންނަ އޮކްޓޯބަރު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމަކީ ރިލީޒް ވެސް ނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ސަނީ ޑިއޯލް ބަތަލުގެ ރޯލް ކުޅެފައިވާ "ބެއްޔާޖީ ސުޕަހިޓް" އެވެ.
އޮކްޓޯބަރު 19 އަށް ތާވަލުކޮށްފައިވާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަރްޝަދު ވަރްސީ އާއި ޝްރެޔަސް ތަލްޕަލޭ ހިމެނެ އެވެ. ދެހާސް ބާރައިގައި އިއުލާން ކުރި މި ފިލްމަކީ ނީރަޖް ޕަތަކް ޑައިރެކްޓްކޮށްފައިވާ އެކްޝަން/ކޮމެޑީއެކެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމި ދުވަހަކީ ޒުވާން ދެ ތަރިން ކަމަށްވާ އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ނަމަސްތޭ އިންގްލެންޑް" ވެސް ރިލީޒް ކުރަން އޮތް ދުވަހެވެ. އެހެންވެ މި ދެ ފިލްމްގެ ތެރެއިން ބޮކްސް އޮފީހުގައި ކުރި ހޯދާނީ ކޮން ފިލްމެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން ފިލްމީ ހަބަރުތައް ދިރާސާ ކުރާ މީހުންގެ މެދުގައި ވެސް ވަނީ ބޮޑުވެފަ އެވެ.
ވަރަށް ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ޕްރިތީ، 43، އެންމެ ފަހުން ފިލްމެއްގައި ބަތަލާއެއްގެ ރޯލް ކުޅުނީ 2013 ގައި އޭނާ ލިޔެ، ޕްރޮޑިއުސް ކުރި "އިޝްގް އިން ޕެރިސް" ގަ އެވެ. އެކަމަކު އޭގެ ފަހުން މި އަހަރު ރިލީޒް ކުރި "ވެލްކަމް ޓް ނިއު ޔޯކް" އާއި 2014 ގައި ރިލީޒް ކުރި ސައިފް އަލީ ހާންގެ "ހެޕީ އެންޑިން" ގެ ހާއްސަ ފެނިލުންތަކުން ޕްރިތީ ފެނިފައިވެ އެވެ.
އެމެރިކާ މީހަކާ ކައިވެނިކޮށް، މިހާރު އާންމުކޮށް އެ ގައުމުގައި ދިރިއުޅޭ ބަތަލާ ވަނީ ކުރިން ވެސް ސަނީއާ އެކު ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ހީރޯސް (2008)، ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި (2003) އަދި ފަރްޒް (2001) ހިމެނެ އެވެ.
"ބެއްޔާޖީ ސްޕަހިޓް" އިން ދެން ފެނިގެންދާ ބަތަލާ އަމީޝާ ވަނީ ސަނީއާ އެކު އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމްގައި މަސައްކަތްކޮށްފަ އެވެ. އެއީ ގަދަރް: އޭކް ޕްރޭމް ޙަތާ (2001)
ފިލްމް ކަހޯ ނާ ޕިޔާރް ހޭ (2000) އިން ރިތިކް ރޯޝަނާ އެކު ބޮލީވުޑަށް ނުކުތް ނަމަވެސް އަމީޝާ، 42، އަކީ ބޮލީވުޑްގައި މާ ކުރިއަށް ދިޔަ ތަރިއެއް ނޫނެވެ. ކުޅޭނެ ފިލްމެއް ނުލިބިގެން ބޮލީވުޑާ ފެއަށް ޖެހިލައިފައި ހުރި ބަތަލާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2013 ގެ "ޝޯޓްކަޓް ރޯމިއޯ" އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ޕޯސްޓަރު ބޯއި" އަށް ފަހު، ސަނީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބައްޕަ ދަރްމެންދުރާ އާއި ކޮއްކޮ ބޮބީ ޑިއޯލްއާ އެކު އަންނަ މަހުގެ 31 ގައި ރިލީޒް ކުރާ "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" އިންނެވެ.
އެ ދުވަހަކީ ޝާހިދު ކަޕޫރްގެ "ބައްޓީ ގުލް މީޓަރު ޗާލޫ" ވެސް ރިލީޒް ކުރަން އޮތް ދުވަހެވެ.