ޕާކިސްތާނުގައި "ޑިޝޫމް"މަނާ ކުރުމުން ވަރުން ދެރަވެއްޖެ
ޕާކިސްތާނުގައި "ޑިޝޫމް"މަނާ ކުރުމުން ވަރުން ދެރަވެއްޖެ

ޖޯން އަބްރަހަމް އާއި ވަރުން ދަވަން އަދި ޖެކްލީން ފެނާންޑިސް ލީޑް ރޯލުތައް ކުޅެފައިވާ "ޑިޝޫމް" ދެއްކުން ޕާކިސްތާނުގައި މަނާކޮށްފި އެވެ. އެ ގައުމުގެ ސެންސަރު ބޯޑުން ބުނަނީ ފިލްމުގައި ޕާކިސްތާނަކީ ވަރަށް ގޯސް ގައުމެއްގެ ގޮތުގައި ދައްކާތީ އެ ފިލްމު އެ ގައުމުގައި ދެއްކުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

މިކަމާ އެންމެ ދެރަވީ ފިލްމުގެ އެއް ބަތަލު ވަރުން އެވެ. ވަރުން މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ "ޑިޝޫމް" ޕާކިސްތާނުގައި ދެއްކުން މަނާކުރުމުން ވަރަށް ހިތްހަމަނުޖެހިފައިވާ ކަމަށާއި އެ ފިލްމުގައި އެއްވެސް ގައުމެއްގެ ގޯސް ކަންތައްތަކެއް ދައްކާފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި މިއީ ވަރަށް ގޯސް ނިންމުމެއް ކަމަށް ވެސް ވަރުން ބުނެފައި ވެއެވެ.

"ޑިޝޫމް"ގައި ދައްކަނީ ކްރިކެޓް މުބާރާތެއްގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ ފައިނަލް މެޗެއްގެ 36 ގަޑިއިރު ކުރިން އިންޑިއާގެ ޓީމުގެ މުހިއްމު ކުޅުންތެރިޔަކު ކިޑްނެޕްކުރުމުގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ.

ވަރުން އާއި ޖޯން މި ފިލްމުގައި ކުޅެފައިވަނީ ވަރަށް ގާތް ދެ އެކުވެރިންގެ ބައެވެ. އަދި ފިލްމު ބެލި ގިނަ ބަޔަކު އެމީހުންގެ ކެމިސްޓްރީއަށް ތައުރީފުކޮށްފައިވެ އެވެ.

އިންޑިއާގައި ހުކުރު ދުވަހު ފިލްމު ރިލީޒްކޮށްފައި ވާއިރު ދެ ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީގެ ނިސްބަތުން މި ފިލްމަކީ މިއަހަރު ތެރޭ ރިލީޒްވި އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ތިންހާހަށްވުރެ ގިނަ ސިނަމާގައި ރިލީޒްކޮށްގެން ހުކުރު ދުވަހު ސިނަމާތަކުގެ އޮކިއުޕަންސީ ހުރީ 40 ޕަސެންޓުގަ އެވެ. އެހެންކަމުން އެ ދުވަހު ލިބުނީ 11 ކްރޯޑު (110 މިލިއަން ރުޕީސް) އެވެ. ދެ ވަނަ ދުވަހު 60 ޕަސެންޓް ފުލްވެ 15 ކްރޯޑު (150 މިލިއަން ރުޕީސް) ލިބިފައިވެ އެވެ.

ވަރުންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އިތުރު ފިލްމެއް ވާދަކުރަން ނެތުމެވެ. އެންމެ ފަހުން ރިލީޒްކުރި ސަލްމާން ޚާންގެ "ސުލްތާން" އާއި ރަޖްނީކާންތުގެ "ކަބަލީ"ގެ ޖޯޝް ކެނޑި ސިނަމާތަކުން ނަގަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.