ނިލަންދޫ އިން ވިކްޓަރީއާ އެއްވަރުކޮށްފި
ނިލަންދޫ އިން ވިކްޓަރީއާ އެއްވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފ. ނިލަންދޫ އިން ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވިކްޓަރީއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

މިއީ މި ފަހަރުގެ ލީގުގައި، މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމެއްގެ އަތްދަށުން ވިކްޓަރީއަށް ސަލާމަތް ނުވެވުނު ދެ ވަނަ ފަހަރެވެ. ފުރަތަމަ މެޗުން އެ ޓީމު ވަނީ ބ. ފެހެންދޫއާ ވެސް 0-0 އިން އެއްވަރުވެފަ އެވެ. މިރޭގެ މެޗުގައި ނިލަންދޫ އިން ހަމައެކަނި ޑިފެންސިވް ކުޅުމެއް ކުޅުނީކީ ނޫނެވެ. އެ ޓީމުން އެޓޭކްކޮށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކުރި އެވެ.

"ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީމު އަދި އެންމެ ކާމިޔާބު އެއް ކޯޗުގެ ޓީމާ ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދުން މިއީ ބޮޑު ކާމިޔާބެއް. އަނެއްކާ އަޅުގަނޑުމެން ހަމައެކަނި އެއްވަރުކުރީކީ ނޫން. މޮޅުވާން ވެސް ފުރުސަތަކެއް ހޯދިން. އޯޕަން ޗާންސްތަކެއް ލިބުނު،" ނިލަންދޫ ޓީމުގެ މެނޭޖަރު އަބްދުހަލީމް ހަމީދު ބުންޏެވެ.

އޭނާ ބުނީ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ވިކްޓަރީ އަށް ވުރެ، ނިލަންދޫގެ ޒުވާން ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށެވެ.

ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ ނިލަންދޫ އަށް މަރުހަބާ ކިޔާ ކަމަށާއި އެ ޓީމުން ބުރަކޮށް މަސައްކަތްކުރި ކަމަށެވެ. އަދި މޮޅުނުވި ނަމަވެސް ދެރަނުވާ ކަމަށާއި އޭނާގެ ކުޅުންތެރިން މަސައްކަތްކުރި ކަމަށެވެ. އެކަމަކު ވިކްޓަރީގެ މެދުތެރެ އާއި އެޓޭކަށް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށް އޭނާ ބުންޏެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ވިކްޓަރީ ވަނީ ފަސް ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް އަރައިފަ އެވެ. ނިލަންދޫ އޮތީ އެންމެ ޕޮއިންޓަކާ އެކު ފުލުގަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެސް ނިލަންދޫ އަށެވެ. އެ ޓީމުގެ އާދިލް އަލީ 42 ވަނަ މިނެޓުގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކޮށް ފޮނުވާލުމުން ދެން ލިބުނީ މުހައްމަދު ޒަމީރަށެވެ. ގޯލް ކުރިމަތީ ހުހަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުކުރެވުނެވެ.

ނިލަންދޫ އިން ލަސްކުރާ ކަމަށް ބުނެ ފުރަތަމަ ހާފުގައި ވެސް ވިކްޓަރީން ވަރަށް ބޮޑަށް ޝަކުވާކުރިއިރު ދެ ވަނަ ހާފުގެ މެދަކާ ހަމައިން އެފަދަ މައްސަލައެއްގައި ނިލަންދޫގެ ކޯޗު އަމްޖަދު އަލީ ބެންޗުން ފޮނުވާލި އެވެ. މެޗުގެ 74 ވަނަ މިނެޓުގައި އޭނާ ފޮނުވާލީ ބޭރުވި ބޯޅައެއް އަތަށް ނެގުމަށް ފަހު، އެ ބޯޅަ ވިކްޓަރީގެ ދާލް ކިމް އެލްގާޑް ހޯދަން އުޅުމުން ނުދީ ހިފަހައްޓަން މަސައްކަތްކުރުމުންނެވެ.

އޭގެ އިރުކޮޅެއް ފަހުން ނިލަންދޫ އަށް ލީޑު ނުލިބި ދިޔައީ ކިރިޔާ އެވެ. އެ ޓީމުގެ އާދިލް އަރިމަތިން ނެގި ހުރަސް ވިކްޓަރީގެ ކެޕްޓަން ޝާފިއު އަހުމަދުގެ ފައިގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ސަލާމަތްކުރީ ވިކްޓަރީ ކީޕަރެވެ. ޖެހިގެން އައި ބޯޅައިގައި ވިކްޓަރީން ވެސް ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެގޮތުން އެ ޓީމުގެ އަހުމަދު ނާޝިދު (ނައްޓޭ) އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ލިބޭ ހިސާބުގައި އަލީ ނާފިއު ހުހަށް ހުރި ނަމަވެސް ލައްވާލާ ގޮތެއް ނުވި އެވެ.

އިތުރު ވަގުތުގެ ތެރޭ ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ކައުންޓާ އެޓޭކުގައި ނިލަންދޫގެ އަކްރަމް އިސްމާއިލް އަރައި އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަށް ގޯޅަ ފޮނުވާލި ބޯޅަ ވިކްޓަރީ ކީޕަރު ހޯދިއިރު، އެ ބޯޅައަށް މުޅިން ހުހަށް ތިން ކުޅުންތެރިން އަރައި ތިއްބެވެ. އޭގެ ފަހުން ވިކްޓަރީ ކުރިއަށް ޖެހުނު ވަގުތު އެ ޓީމުގެ ކާލޯސް ގާސިއާ އަށް މުޅިން ހުސްކޮށް، ބޭނުން ގޮތަކަށް ޖަހަން ލިބުނު ނަމަވެސް އެ ބޯޅަ އޭނާ ކޮންޓްރޯލްކުރަން ޖެހުމުން ދިޔައީ ބޭރަށެވެ.