10 ޖުލައި 2018 - 18:09

ބެންކޮކް (ޖުލައި 10) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި ވައިޑް ބޯ ފުޓުބޯޅަ ކްލަބުގެ 12 ކުދިންނާއި ކޯޗަށް ވޯލްޑް ކަޕް ފައިނަލް މެޗަށް ރަޝިޔާ އަށް ދިއުމުގެ ދައުވަތު ފީފާގެ ރައީސް ދެއްވި ނަމަވެސް އެހާ ތަނަށް އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ނުބެލެވޭތީ ވޯލްޑް ކަޕުގެ މެޗުތައް އެ ކުދިން ބަލާނީ ހޮސްޕިޓަލުން ކަމަށް މެޑިކަލް ޓީމުން ބުނެފި އެވެ.

ތައިލެންޑުގެ ހެލްތު މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޑރ. ޖެސެޑާ ޗޮކެޑަމްރޮންގްސޫކް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ވޯލްޑް ކަޕް ފައިނަލް މެޗު ކުޅެންވާ އިރަށް އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ހޮސްޕިޓަލުގައި އެ ކުދިން ތިބީ ކަރަންޓީންކޮށްފަ އެވެ. އެހެންވެ ވޯލްޑް ކަޕް ފައިނަލް މެޗު އެ ކުދިން ބަލާނެ ކަމަށް ޑރ. ޖެސެޑާ ވިދާޅުވީ ހޮސްޕިޓަލްގައި ވަކިން ތިބެ ކަމަށެވެ. އާއިލާގެ މީހަކަށް ވެސް އެ ކުދިންނާ ބައްދަލެއް ނުކުރެވެ އެވެ. ނަމަވެސް ހުރިހާ ކުދިންގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ހޮހަޅައިގައި ތާށިވި ކުދިން ފައިނަލް މެޗު ބަލަން ރަޝިޔާ އަށް ދިއުމަށް ފޮނުވި ޚާއްސަ ދައުވަތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ އެއީ ފައިނަލް މެޗަށް "ގެންނަ ހާއްސަ މެހެމާނުންތަކެއް" ކަމަށެވެ.
"މިއީ މުޅި ދުނިޔެ ބަލާނެ ފައިނަލެއް. އެ ކުދިން ކުރި ހިތްވަރަށް މީހުން ސާބަސްދޭނެ މަންޒަރު މުޅި ދުނިޔެ ދެކެން ބޭނުންވާނެ،" ތައިލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އިންފަންޓީނޯ ފޮނުއްވި ސިޓީއެއްގައިވެ އެވެ.
ހޮހަޅައިގައި ތާށިވި ކުދިންގެ ތެރޭން އެންމެ ފަހު ހަތަރު ކުދިންނާއި ކޯޗު މިއަދު ވަނީ ސަލާމަތްކޮށްފަ އެވެ.