10 ޖުލައި 2018 - 18:45

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން 1-0 އިން ކްލަބް އީގަލްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޓީސީ ލީގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ނިއު އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
މި މެޗުގެ ކުރިން އީގަލްސް ކުޅުނު ދެ މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. އެހެން ކަމުން އެ ޓީމުން މި މެޗަށް ނުކުތީ ލީގުގެ ފުރަތަމަ މޮޅު ހޯދުމަށެވެ. އެކަމަކު މެޗުން ބަލިވުމުން އީގަލްސް އޮތީ ދެ ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.
މެޗު ފަށައިގެން ފުރަތަމަ 20 މިނިޓް ތެރޭ ޓީސީން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ޓީމުގެ މިސްރުގެ ޑިފެންޑަރު އަލާ ނާސިރު ޖެހި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ ހުރަސް ދަނޑިމަތިންނެވެ.
ޓީސީގެ ފަހަތަށް ކުޅޭ އަބްދުﷲ ހަނީފް (ބެންޖޯ) އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ޒުވާން ޑިފެންޑަރު މުހައްމަދު އަޖުފާން ވަނީ ކުޅެން އަރުވައިފަ އެވެ. މި މެޗުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އޭގެ ފަހުން ދަގަނޑޭ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. ދަގަނޑޭ ބޯޅަ ހިފައިގެން ގޮސް ގޯލުގެ ދުރުކަނަށް އަމާޒުކޮށްލަން ޖެހި ބޯޅަ ސުޖަން މަތަކުރީ ފައިންނެވެ.
ފުރަތަމަ ހާފުގައި އީގަލްސް އަށް މާ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެއް ވެސް ނުއުފެއްދެއެވެ. އެ ގޮތުން އެ ޓީމުގެ އޮސްޓްރޭލިއާ ފޯވާޑް ޑެނީ ޑިކްސަން އާއި ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޖެހި ބޯޅަތައް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ޓީސީ އަށް ހާފުނިމުމުގެ ކުރިން ލީޑުނަގައިދޭން ލިބުނު ފުރުސަތު ވެސް ފޭދޫ އިއްބެ އަތުން ވަނީ ގެއްލިފަ އެވެ. މުހައްމަދު ސާމިރް ނަގައިދިން ހުރަހަކުން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ވިހި ސިކުންތު ތެރޭގައި އޭރިއާ ތެރެއިން ދަގަނޑޭ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ސުޖަން އަތަށެވެ. މެޗުގެ 50 ވަނަ މިނިޓްގައި ޓީސީގެ މުހައްމަދު އައްޒާމް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު އޭނާ އެ ލަނޑު ޖެހިއިރު ހުރީ އޮފްސައިޑްގައި ކަަމަށްވުމުން ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރެ އެވެ.
އީގަލްސް އިން ގޯލާ އަމާޒުކޮށް ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. ލުއިޒް އެޑުއާޑޯ ނަގައިދިން ބޯޅަ އޭރިއާ ތެރެއިން ޑިކްސަން ބޮލުން ފޮނުވާލުމުން ޓީސީގެ ކީޕަރު ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 72 ވަނަ މިިނިޓްގައި ދަގަނޑޭ ފޮނުވާލި ބޯޅައެއް ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން އޭރިއާ ބޭރުން ސާމިރު ޖެހި ބޯޅައެއްގެ ހުރަހަކަށްވީ ވެސް ސުޖަން އެވެ. އެކަމަކު މެޗުގެ 81 ވަނަ މިނިޓްގައި ދަގަނޑޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ދަގަނޑޭ ޓީސީ އަށް ބަދަލުވި ފަހުން ކުޅުނު ތިން މެޗުން އެ ޓީމަށް ޖަހައިދިން ފަސް ވަނަ ގޯލެވެ.
މެޗުގެ ފަހު ވަގުތު ނަތީޖާ ހަމަހަމަ ކުރަން އީގަލްސް އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ކައުންޓަ އެޓޭކުގައި ޓީސީ އަށް ލީޑުފުޅާކޮށްދޭން ފޭދޫ އިއްބެ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނުއިރު، ދަގަނޑޭ ޖައްސާލި ބޯޅަ ދިޔައީ ފޭދޫ އިއްބެ ފައިދަށުންނެވެ.
މެޗާ ބެހޭގޮތުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ހުރިހާ ގޮތަކުން ބެލިޔަސް މިއީ އެ ޓީމުގެ ދަށް ދުވަހެއް ކަމަށާއި ޓީސީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.
"ޓީސީ އަށް ހައްގު (ޑިޒާވް) ކާމިޔާބެއް މިއީ. ހުރިހާ ޑިޕާޓްމެންޓެއް ވެސް މަސައްކަތް ވެސް މޮޅު ޓީމު މިއަދު މޮޅުވީ. އަޅުގަނޑުމެން ވަރަށް ދަށް ދުވަހެއް. ވޯކް ރޭޓާއި ޕާސްތަކަށް ބެލިޔަސް ދަށް. މި ސީޒަނަށް ބަލާއިރު މިއީ އެންމެ ދަށް މެޗޭ ބުންޏަސް ގޯހަކަށްނުވާނެ." މޯހަން ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ ވަރަށް އުނދަގުލުން ހޯދުނު މޮޅެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކަށްދާއިރު ހިތްވަރެއް ކަމަށެވެ.
"ރަނގަޅު. މިއަދު އިކޮޅުން ނުކުތް އީގަލްސް އިން ވަރަށް ރަނގަޅު ފައިޓެއް ދީފި. މީގެ އެންމެ މުހިއްމީ ލީގެއްގައި ތިން ޕޮއިންޓް ކަންނޭނގެ ދެން ތިން ޕޮއިންޓް ލިބުނީމަ ހިތްހަމަ ޖެހޭ. މެޗަކުން މޮޅުވުމަކީ އަބަދުވެސް ކުރިއަށް އޮތް މެޗަށްދާއިރު ލިބޭ ކޮންފިޑެންސެއް،" ނިޒާމްބެ ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ވިކްޓަރީ ނުކުންނާނީ ފ. ނިލަންދޫއާ ދެކޮޅަށެވެ.