ތެޔޮ ޓޭންކަރުގެ މައްސަލާގައި ހައްޔަރުކުރި ފަހުމީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި
ތެޔޮ ޓޭންކަރުގެ މައްސަލާގައި ހައްޔަރުކުރި ފަހުމީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލާފައިވާ އަބްދުﷲ ފަހުމީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ މާޗް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ފަހުމީ ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ މިދިޔަ މެއި މަހު ދޫކޮށްލާފައި ވަނިކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކުރީ އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގަ އެވެ.

ކޯޓުން އެގޮތަށް އަމުރުކުރީ ބައެއް ހެކިންނަށް ފަހުމީ ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވޭތީ އޭނާ ބަންދުގައި ބަހައްޓަން ދައުލަތުން އެދުމުންނެވެ.

ފަހުމީގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.

އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާގެ އުޅަނދަކާ އެކު މުއާމަލާތް ހިންގީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަ ކުރިޔަސް، ދިވެހި ސަރުކާރުން އެކަން ދޮގު ކުރެ އެވެ. ދިވެހި ސަރުކާރުން ބުނެފައިވަނީ އެ އުޅަނދަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫން ކަމަށެވެ.