ރިޔާސީ ކެންޑިޑޭޓުންގެ ބަހުސެއް ޕީއެސްއެމުން ބާއްވަނީ
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސެއް ޕީއެސްއެމުން ބާއްވަނީ

ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސް ބޭއްވުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ އެކު ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އިން މިއަދު ސޮއިކޮށްފި އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ރަނިންމޭޓުންގެ މެދުގައި ބާއްވާ ބަހުސެއްގެ އިތުރުން ކެންޑިޑޭޓުން ހުށަހަޅާ މެނިފެސްޓޯއާ ބެހޭ ގޮތުން ވެސް މި ފަހަރު ބަހުސް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ވީހާ ވެސް އިލްމީކޮށް މިކަންތައް ގެންދިއުން. ރައްޔިތުންނަށް ވަރަށް ރަނގަޅަށް ޖަޖް ކުރެވޭނެ ގޮތަށް އިންތިޒާމް ހަމަޖެހިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޯގަސްޓް މަހުގެ ފަހުކޮޅުގައި މެނިފެސްޓޯ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަނިންމޭޓުންގެ ބަހުސް ސެޕްޓެމްބަރު ކުރީކޮޅު އަދި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް އިންތިހާބު ފެށުމުގެ 10 ވަރަކަށް ދުވަސް ކުރިން ގެނެސްދޭނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ އަލީ ފަވާޒް ޝަރީފް ވިދާޅުވީ މަގްސަދަކީ ބަހުސް ޕްރޮގްރާމްތައް ބެލުމަށްފަހު "ފުރިހަމަ އަށް މައުލޫމާތު ލިބިގެން ހުރެ" ރައްޔިތުން ރިޔާސީ އިންތިހާބުގައި ވޯޓުލާނެ ކެންޑިޑޭޓެއް ނިންމުން ކަމަށެވެ.

ފަވާޒް ވިދާޅުވީ ކެންޑިޑޭޓުންނާ ކުރިމަތިކުރާނެ ސުވާލުތައް ތައްޔާރުކުރާނީ އިލްމީ ގޮތްގޮތުން ބެލުމަށްފަހު ދިރާސާއާ ވެސް އެކުގައި ކަމަށެވެ.

"[ވޯޓުލުމަށްޓަކައި] ރައްޔިތުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ބަހުސްތަކަށްފަހު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ މިފަހަރު ރައްޔިތުންގެ ކުރިމައްޗަށް ރިޔާސީ ކެންޑިޑޭޓުން ނެރުއްވާ މެނިފެސްޓޯތަކުގެ އިލްމީ ހަގީގަތް ވެސް އެނގިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ ބަހުސްތައް ވެގެންދާނީ "މިއަދު އެކަނި ބަލައި ނިންމާލާނެ އެއްޗެއްގެ ބަދަލުގައި މާދަމާ ވެސް ބަޔަކު ބަލައި ދިރާސާތަކެއް" ކުރެވޭ ފެންވަރުގެ ޕްރޮގްރާމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެ ކަމަށް ޔަގީން ވެފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ސިޔާސީ ކޯލިޝަންގެ ފަރާތުން ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވިއިރު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫގެ ރަނިންމޭޓަކު ހަމަޖައްސާނީ އަންނަ ހުކުރު ދުވަހު ބާއްވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ.