10 ޖުލައި 2018 - 14:05

ބެންކޮކް (ޖުލައި 10) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅަ އަށް ވަން ވައިލް ބޯ ފުޓުބޯޅަ ޓީމުގެ ކުދިން ސަލާމަތް ކުރަމުންދާ އިރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެކަކީ ޓީމުގެ އެސިސްޓެންޓް ކޯޗު އެކަޕޯލް ޗަންޓަވޮން އެވެ.

އުމުރުން 25 އަހަރުގެ ކޯޗަށް އެއް ބަޔަކު ތައުރީފް ކުރަމުންދާ އިރު މަދު ބަޔަކު ދަނީ ކޯޗަށް ނުރުހުމުގެ ބަސްތައް ވެސް އަމާޒު ކުރަމުންނެވެ. ހޮހަޅައިގެ ތެރޭގައި ކަނު އަނދިރީގައި ނުވަ ދުވަސްވަންދެން އެ ކުދިން ހެޔޮ ހާލުގައި ބޭތިއްބުމުގައި ކޯޗުގެ ދައުރު ބޮޑު ކަމަށް ބުނެ އެއް ބަޔަކު ބުނަނީ އެއީ ބަތަލެއް ކަމަށެވެ. ކުދިން ކާން ބޭނުންކުރި ތަކެތިން ކޯޗަށް ލިބުނު ބައި ވެސް އޭނާ ދޫކޮށްލާ ކަމަށްވެ އެވެ. ކާ ތަކެތިކޮޅު ގިނަ ދުވަހަށް ހިފަހައްޓާނެ ގޮތަކާއި ހަކަތަ މަދުވިޔަ ނުދީ އުޅެވޭނެ ގޮތްތައް ކޯޗު ވަނީ އެ ކުދިންނަށް ކިޔައިދީފަ އެވެ. ޑައިވަރުންނަށް މި މަހު 2 ވަނަ ދުވަހު ހޮހަޅައިގެ ތެރޭން އެ މީހުން ފެނުނު އިރު އެންމެ ހާލު ދެރައީ ވެސް ކޯޗު ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. އަނެއް ބަޔަކު ކޯޗުގެ ބޮލުގައި އަޅުވާ ބަދުނާމަކީ އެ ކުދިން ގޮވައިގެން ހޮހަޅައަށް ވަނުމެވެ.
ހޮހަޅައިގައި ތިބި ކުދިން އާއިލާތަކަށް ފޮނުވި އަސަރުގަދަ ސިޓީގައި ކޯޗު އެކަޕޯލް ވަނީ ބެލެނިވެރިންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި ބެލެނިވެރިން ވަނީ ކޯޗު ދެކެ އެ މީހުން ރުޅި ނާންނަ ކަމަށް ބުނެފަ އެވެ.
ކޯޗު އެކަޕޯލް އުފަންވީ މިއަންމާގައި ކަމަށްވިޔަސް އޭނާ ދިރިއުޅެނީ ބޯޑަރާ ކައިރީގައި އޮންނަ ތައިލެންޑުގެ މައެ ސައިގަ އެވެ. އޭނާގެ ވަރަށް ޅަ އުމުރުގައި ވަނީ މައިންބަފައިން މަރުވެފަ އެވެ. އޭނާ ބެލެހެއްޓީ މާމަ އެވެ. އެކަޕޯލްގެ އާއިލާ އިން ދުނިޔޭގައި ހުރި މީހަކީ ވެސް މާމަ ކަމަށްވެ އެވެ. އޭނާ އާއްމުކޮށް މިއަންމާ އަށް ގޮސް މާމައާ ބައްދަލު ކުރާ ކަމަށްވެ އެވެ.
ވައިލްޑް ބޯ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ހުށަހެޅުމުގެ ކުރިން އޭނާ އުޅެނީ ބުޑިސްޓް ހާމުދުރަކަށެވެ.