ރައީސް ޔާމީންގެ އަނިޔާވެރިކަން، ވަކި މީހަކު ގާތް ކުރުމަކުން ނުފޮރުވޭނެ: އަމީން
ރައީސް ޔާމީންގެ އަނިޔާވެރިކަން، ވަކި މީހަކު ގާތް ކުރުމަކުން ނުފޮރުވޭނެ: އަމީން

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިނަށް އާ ބޭފުޅުން ގެންނަވަނީ ސަރުކާރުން ނުގަވައިދުން ކޮށްފައިވާ ކަންކަން ފޮރުވުމަށް ކަމަށާއި އެކަން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ އަނިޔާވެރިކަން، ވަކި މީހަކު ގާތް ކުރުމަކުން ނުފޮރުވޭނެ: އަމީން
ރައީސް ޔާމީންގެ އަނިޔާވެރިކަން، ވަކި މީހަކު ގާތް ކުރުމަކުން ނުފޮރުވޭނެ: އަމީން

ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަމީން މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅުން ކަނޑައަޅާފައިވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަށް ވުމަށްޓަކައި ޖޭޕީ އަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ކެމްޕެއިނަށް އާ ބޭފުޅުން ގެންނަވަނީ ސަރުކާރުން ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަންކަން ފޮރުވުމަށް ކަމަށް އަމީން ވިދާޅުވިއިރު، އެ އިޝާރާތް ކުރައްވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ކަމަށެ ބެލެވެ އެވެ.

ޖޭޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، މި ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށް ތަފާތު މަސައްކަތްތައް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އަނިޔާވެރި ކަމާއި ކޮރަޕްޝަނާއި ވައްކަމާއި އޮޅުވާލުމުގެ މަތީގައި ފަސް އަޅައި އެހެން ބޭބޭފުޅުން އިސް ކުރައްވައިގެން، އެ ކަމުގެ މަތިން ރައްޔިތުން ހަނދާން ނައްތާލައި އަދި އެ ނޫން ނުފޫޒުތަކާއި ސަރުކާރުގެ ބާރާއި އަދި ހައްގު ނޫން ކަންކަމުގެ ޒަރީއްޔާ އިން ހޯދާފައިވާ ކަންކަން ބޭނުންކޮށްގެން ރިޔާސީ އިންތިޚާބަށް ރައްޔިތުން ކުރާ އުންމީދުތައް ފެއިލް ކޮށްލުމަށް،" ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް، އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ވަޑައިގެންނެވި އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަނިން މޭޓް ކަމަށް ކުރިމަތިލެއްވި މައިގަނޑު ސަބަބަކީ، ސިޔާސީ ދާއިރާގައި ހޭދަކުރެއްވި 10 އަހަރުން ލިބުނު ތަޖުރިބާގެ އަލީގައި، ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރު ނިމުމަކަށް ގެނެސް ގައުމު ހަމަ މަގަށް އެޅުވުމެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދާއި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލާ އެކު ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި އަމީން ވަނީ ގައުމީ ޕާޓީގެ އަމީން އާއްމު ކަމާއި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވައިފަ އެވެ.

ޖޭޕީގެ ރަނިން މޭޓް ހޮވުމުގެ އިންތިޚާބު އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، އަމީން ވިދާޅުވީ އޭނާ އަށް އެ ފުރުސަތު ލިބިއްޖެ ނަމަ، އިދިކޮޅު ކޯލިޝަނަށް ވެރިކަން ހޯދައިދިނުމަށް އެތައް މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ނައިބު ރައީސްކަން ލިބުމުން ވަފާތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޖޭޕީއާ ގުޅިވަޑައިގެންނެވިތާ ކުރު މުއްދަތެއްގެ ތެރޭގައި ރަނިން މޭޓްކަން ފަދަ އިސް މަގާމަކަށް ކުރިމަތިލެއްވީ ކީއްވެގެންތޯ އެހުމުން އަމީން ވިދާޅުވީ، އެއިން އެނގިގެން ދަނީ އެ ޕާޓީގެ ތެރެއިން ހުރިހާ ބޭފުޅުންނަށް ވެސް ފުރުސަތު އޮތްކަން ކަމަށެވެ.

އަމީން ވިދާޅުވީ، ރަނިން މޭޓް ހޮވުމުގެ އިންތިޚާބު ކާމިޔާބު ނުވި ނަމަވެސް މި ސަރުކާރު ބަދަލުކުރުމަށް އިދިކޮޅު ކޯލިޝަނާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިދިކޮޅުގެ ރަނިން މޭޓު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި އަމީން އެވެ.

އެކަމަކު، މީގެ ތެރެއިން ޖޭޕީ އަށް މިހާތަނަށް ފޯމު ހުށަހެޅުއްވީ އަމީން އެކަންޏެވެ.